ވިޔަފާރި

އުރީދޫން ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ސަރުކާރަށް ހަދިޔާކުރަނީ


އުރީދޫގެ ފަރާތުން ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް، ސަރުކާރަށް ހަދިޔާކުރުމަށް ނިންމައިފިއެވެ. އުރީދޫގެ، އުނގަންނައިދިނުމުގެ ޕްލެޓްފޯމްކަމަށްވާ ސްމާރޓް ކެމްޕަސް މެދުވެރިކޮށް، ބަންދުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމަޢުއަށް ނިކުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމަށް ޚާއްޞަ ކްލާސްތަކެއް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ރާއްޖޭގެ ޔުނިވަރސިޓީތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްތަކުގެ މަގްސަދަކީ މުޖުތަމައުއަށް އަލުން ނިކުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ.

އުރީދޫގެ ފަރާތުން ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް، ސަރުކާރަށް ހަދިޔާކުރުމަށް ނިންމާ އެކަން އިޢުލާންކޮށްފައިވަނީ، އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި ބޭއްވި ހަފްލާއެއްގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާންއެވެ. މި ހަލްފާގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި، ޑިޖިޓަލް މޯލްޑިވްސްއަށް އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމަށް އަލިއަޅުވާލެވި، ވީހާވެސް ގިނަބަޔަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ހަލްފާގައި ވާހަކަގައިދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް މީގެކުރިން ލިބިފައިނުވާ ފަދަ އީޖާދީ ފުރުޞަތުތަކެއް ފަހިވަމުންދާ ކަން ފާހަގަކޮށްފައެވެ.
އުރީދޫގެ ޑިޖިޓަލް ކެމްޕަސްއާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލާމާތުދެއްވަމުން އެކުންފުނީގެ ޑިރެކްޓަރ އޮފް ސޭލްސް، ހުސެއިން ނިޔާޒް ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން އަލުން މުޖުތަމައުއަށް ނިކުންނަ ޒުވާނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަމެއް ލިބޭނެކަމަށެވެ.
ސްމާރޓް ކެމްޕަސްއަކީ، އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، މައިކްރޮސޮފްޓްއިން ފޯރުކޮށްދޭ ކްލައުޑް ޕްލެޓްފޯމް މެދުވެރިކޮށް ހިންގޭ ތައުލީމީ ސޮލިއުޝަންއެކެވެ. ސްމާރޓް ކެމްޕަސްގެ ޚިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުން، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އުރީދޫގެ ހަލުވި 4ޖީ ނެޓްވާރކް މެދުވެރިކޮށް ގުޅާލެވި، އޮންލައިން އިންޓަރެކްޓިވް ކްލާހެއްގައި ވަގުތުން ބައިވެރިވެވޭނެއެވެ.
މި މާހައުލުގައިވާ އިންޓައެކްޓިވް ވައިޓްބޯޑްއިން ވީޑިއޯ އާއި އޯޑިއޯ އަދި ޗެޓްކޮށް، ޕްރެޒެންޓޭޝަންތައް ހިއްސާކުރެވި، ޑޮކިއުމަންޓްތަކާއި ފޮޓޯތައް ދަރިވަރުންނާއި ޓީޗަރުންނަށް ފޮނުވޭނެއެވެ.
އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން، ސްމާރޓް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ހިލޭ ތައުލީމީ ޕްރޮގްރާމްތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ.