ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ބާސެލޯނާއިން ކެޕްޓަން ލަޔޮނަލް މެސީ ޓީމުގައި ހިމަނައިފި އެވެ.
އެންމެ ފަހު ވަގުތު މެސީ ޓީމުގައި ހިމެނީ ހޯމަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅެނިކޮށް އޭނާގެ ފަޔަށް ލިބުނު އަނިޔާ މުޅިން ރަނގަޅުނުވާ ކަމަށް ބެލެވިފައިވަނިކޮށެވެ.
ނަމަވެސް މެސީ ވަނީ އެންމެ ފަހުގެ ތަމްރީނުތަކުގައި ބައިވެރިވެފަ އެވެ.
މެސީ ޓީމަށް ނެގި ނަމަވެސް އަނިޔާގެ ސަބަބުން އޮސްމާނޭ ޑެމްބްލޭ މި މެޗުގައި ނުކުޅޭނެ އެވެ.
ކޮޕާ ޑެލްރޭ ސެމީގައި ބާސެލޯނާ އާއި ރެއާލް ވާދަކުރާ ފުރަތަމަ މެޗު ކުޅޭނީ ބާސެލޯނާގެ ދަނޑުގަ އެވެ. މިހެންވެ ރެއާލްގެ ދަނޑަށް ދިއުމުގެ ކުރިން ނަތީޖާ ބާސެލޯނާ ކޮޅަށް އަނބުރާލުން މުހިންމު ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.