ޚަބަރު

އެމްޑީޕީގެ ކެނޑިޑޭޓުން، އީސީއަށް ފޯމް ހުށަހަޅައިފި


ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ 86 ދާއިރާއަކަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންގެ ފޯމް ހުށަހެޅުމަށް ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ މައިއޮފީހުން ފެށިގެން ބާޖަމާލުއްދީނުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒާއި ހަމައަށް އެބޭފުޅުން ވަޑައިގެންނެވީ ހިންގަވާފައެވެ. އެމްޑީޕީގެ ކެނޑިޑޭޓުންނާއި ގިނަ ސަޕޯޓަރުންތަކެއް ބައު ޖަމާލުއްދީނުގައި ހުންނަ އިލެކްޝަންގެ އިންތިޚާބީ މަރުކަޒަށް ވަޑައިގެންނެވުމުން އީސީގެ ފަރާތުން އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ އެކޮމިޝަނުގެ ނާއިބް ރައީސް އަމްޖަދު މުސްތަފާއެވެ.

ރޫޓް މާޗެއްގެ ސިފައިގާ ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެންމެ ކުރީ ސަފުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންގެ އިތުރުން، ކުރީގެ މަޖިލިސް މެމްބަރުންނާއި، ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީ ކެނޑިޑޭޓުންގެ ފޯމްތަކާއި ހަވާލުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން އީސީގެ ނާއިބް ރައީސް އަމްޖަދު ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބު އިންސާފުވެރިކަމާއި އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެއާއެކު ކުރީގެ ރައީސަކާއި ނާއިބު ރައީސަކާއި ކުރީގެ ބައެއް ވަޒީރުންނާއި ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެން ބޭފުޅުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަކީ މި އިންތިޚާބު ޚާއްޞަވާ ކަމެއް ކަމަށް އަމްޖަދު ވިދާޅުވިއެވެ.

ނިލަންދޫ ދާއިރާ ފިޔަވައި އެހެންހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމި ނަމަވެސް އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ އަދާލަތު ޕާޓީއަށް ފަސް ގޮނޑި ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެގޮތުން އެ ދާއިރާތަކުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ފަރާތްތަކާއި ޕާޓީގެ ރައީސް ބައްދަލު ކުރެއްވި ނަމަވެސް އެކަމުގައި ވަކި ގޮތެއް ނިމިފައެއް ނުވެއެވެ. އަދި އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ ކެނޑިޑޭޓުންގެ ފޯމްތައް ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އިންސާފުވެރިކަމާއެކު ހިންގަމުން ގެންދިޔުމާއި ކޮމިޝަނުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސަތްކަތްތައް ގާތުން ބައްލަވަމުން ގެންދަވާތީ ފަހުރުވެރި ވާކަމަށެވެ. އެއާއެކު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އީސީން ކުރައްވާ މަސަތްކަތްތަކަށް ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އީސީން ހުޅުވާލާފައިވާއިރު އެމްޑީޕީ ވެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ފޯމު ހުށަހެޅި ޕާޓީއަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެނޑިޑޭޓުން ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެތެރޭގައި އެ ފޯމުތަކާމެދު ގޮތެއް ނިންމަންޖެހޭ ކަމަށް ޤާނޫނުގައި ވަނީ ބުނެއެވެ.