ޚަބަރު

ރާއްޖެއާއި ސްރީލަންކާ ދެމެދު ވިސާގެ ލުއިގޮތްތަކެއް ހަމަޖެއްސުމަށް އެއްބަސްވެއްޖެ


ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ވިސާގެ އިތުރު ލުއިގޮތްތަކެއް ފަހިކޮށްދިނުމަށާއި، ވިޔަފާރީއާއި އިޤްތިޞާދު އަދި އެނޫން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެޤައުމުން އެއްބަސްވެއްޖެއެވެ.

ދެޤައުމުން މިގޮތަށް އެއްބަސްވެފައިވަނީ ރާއްޖެއާއި ސްރީލަންކާގެ އިސްވެރިންގެ ދެމެދު މިއަދު ބޭއްވި ރަސްމީ ވާހަކަތަކުގައެވެ. މި ވާހަކަތަކުގައި ރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނަވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޤައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާއެވެ. އަދި ދެޤައުމުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެޤައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެޤައުމު ގުޅިގެން ނެރުނު ބަޔާނުގައި ވަނީ، ގިނަ ދާއިރާތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވިފައެވެ. އެގޮތުން މިހާރަށްވުރެ އިތުރު ދާއިރާތަކުން، ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށާއި އަދި އެއްބަސްވުންތަކަކާ ހަމައަށް އާދެވިފައިވާކަމަށް އެބަޔާނުގައިވެއެވެ. އެގޮތުން ސިޔާސީ ރޮނގުންނާއި، އިޤްތިޞާދާއި، އަދި ސަޤާފީ ރޮނގުންނާއި، ދެޤައުމުގެ ސުލްހައާއި ސަރަޙައްދުގެ ސުލްހައަށް މަސައްކަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެޤައުމުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފައެވެ.
ދެ ޤައުމުގެ ދެމެދު ކުރިއަށްގެންދިޔަ ވާހަކަތަކުގައި ޒުވާނުން ބާރުވެރިކޮށް ކުރިއަރުވުމާއި، ސިއްޙަތާއި، ތަޢުލީމާއި، ހުނަރު އިތުރުކުރުމާއި އަދި އެނޫންވެސް ދެޤައުމަށް ފައިދާވާނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށް ބަޔާނުގައިވެއެވެ.

އަދި ދެޤައުމުގެ ވެރިންވަނީ ދެޤައުމު ގުޅިގެން އެއްބާރުލުން ދިނުމާއި ދެޤައުމުގެ ފައިދާއަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޝަންގެ ހަތަރުވަނަ ބައްދަލުވުން މިއަހަރު ސްރީލަންކާގައި ބޭއްވުމަށްވެސް އެއްބަސްވެފައެވެ. ދެބޭފުޅުންގެ މަޝްވަރާތަކުގައި ދެޤައުމުގެ ރައްޔިތުން ވިޔަފާރިއާއި ސަޤާފީގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި ވިސާގެ ކަންތަކުގައި ލުއިދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް ސްރީލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި، އެދަރިވަރުންގެ ބެލެނިވެރިންނަށް ދިގު މުއްދަތަކަށް ވިސާ ދޫކުރެވޭނެ ގޮތްތަކާއި ވިޔަފާރީގެ ވިސާ ފަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސްރީލަންކާއަކީ އަބަދުވެސް ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދެމުން ގެންދާ ޤައުމެއްކަން ފާހަގަކުރައްވައި ސްރީލަންކާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.