ކުޅިވަރު

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމުގައި އައްޑޫގެ 2 ކުދިންް


މިއަހަރުގެ މާރޗް މަހުގެ 15ން 17އަށް ހޮންގް ކޮންގް ގައި ބާއްވާ 3ވަނަ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް ގައި އައްޑޫގެ 2 އެތުލީޓަކު ހިމެނިއްޖެއެވެ.

ޓީމްގައި ހިމެނޭ އައްޑޫގެ އެތުލީޓުންނަކީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީންވަމުން އަންނަ އައްޑޫ ހައި ސްކޫލްގެ ޢާއިޝަތު ހިމްނާ ޙަސަން އާއި އައްޑޫ ޝަރަފުއްދީން ސްކޫލްގެ މަރްޔަމް އަލްހާ ޙުސައިންއެވެ.މުބާރާތުގައި ހިމްނާ ވާދަކުރާނީ އަންހެން 200މ ދުވުމާއި، 400މ ދުވުމުގައެވެ.
މިއީ ހިމްނާ ގައުމީ ޓީމް ތަމްސީލްކުރާ 2ވަނަ އަހަރެވެ. 2018 ވަނަ އަހަރު ބޭއްވުނު ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ހިމްނާ ވަނީ އަންހެން 400މ ދުވުމުގެ ރާއްޖޭގެ ގައުމީ ރިކޯޑް 2ފަހަރަށް އައުކޮށްފައެވެ.އަލްހާ މުބާރާތުގައި ވާދަކުރާނީ އަންހެން 100މ އަދި 200މ ދުވުމުގައެވެ. އަދި މިއީ އަލްހާ ގައުމީ ޓީމް ތަމްސީލްކުރާ ފުރަތަމަ ފަހަރެވެ. އަލްހާވަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ނޭޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 200މ ދުވުމުން ލޯމެޑަލް އަދި 400މ ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

3ވަނަ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމް މިހާރު އިއުލާން ކޮށްފައިވާއިރު ހިމްނާއާއި އަލްހާގެ އިތުރުން ދެން ހިމެނޭ އެތުލީޓުންނަކީ ކުޅުދުއްފުށީ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީންވަމުން އަންނަ މުޙައްމަދު ޝާމް އަޙްމަދު އަދި ނޭޝަނަލް އެތުލެޓިކްސް ޓްރެއިނިން ސެންޓަރގައި ތަމްރީން ހަދަމުން އަންނަ އެޑިޔުކޭޝަން ސްކޮލަރޝިޕް އެތުލީޓް ޢިބާދުﷲ އާދަމް އެވެ.

މީގެ އިތުރުން ގައުމީ އެތުލެޓިކްސް ޓީމްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރގެ ޔޫތު ކޯޗް ހަސަން ޚަލީލް އެވެ.

އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ 2 އަންހެން އެތުލީޓުންނާއި 2 ފިރިހެން އެތުލީޓުންގެ އިތުރުން ކޯޗެކެވެ. ގައުމީ ޓީމަށް އެތުލީޓުން ހޮވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 25 އަދި 26 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވި ޓައިމް ޓްރައަލްއިންނެވެ.