ޚަބަރު

ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުން، އިނގުރައިދޫގެ ތަރައްޤީއަށް އޮތް ހުރަހެއް - އެރަށު ޒުވާނުން


ލޯކަލް ޓޫރިޒްމް ނުވަތަ ރަށްރަށުގައި ކުރިއަށްގެންދާ ގެސްޓްހައުސް ވިޔަފާރިއަކީ ގިނަ ރަށްރަށުގެ ޒުވަނުން ކުރިއަރުވަން ބޭނުންވާ ސިނާޢަތެކެވެ. ގިނަ ރަށްރަށެކޭ އެއްގޮތަށް ރ.އިނގުރައިދޫ ޒުވާނުންނަކީވެސް އެރަށުގައި މިމަސައްކަތް ކުރިއަރުވަން ބޭނުންވާ ބައެކެވެ. މިމަސައްކަތް ކުރަށް ގެންދިއުމުގައި އެމީހުންނަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ރަށުގައި އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމެވެ.

އާބާދީގައި 1960 މީހުން ދިރިއުޅެމުން އަންނަ ރ.އިނގުރައިދޫއަކީ އަތްތެރި މަސައްކަތްތާއި ވަޑާމުގެ މަސައްކަތަށް ވަރަށްމަޝްހޫރު ރަށެކެވެ. ޚާއްސަކޮށް އެރަށު މީހުންނަކީ ވަޑާމުގެ މަސައްކަތުގައި މަޝްހޫރު ބައެކެވެ. އެހެންނަމަވެސް މިމަސައްކަތް ކުރާ އެރަށުގެ ގިނަ މީހުން އެމަސައްކަތްކުރަން ޖެހެނީ ރަށުން ބޭރުގައެވެ. ޢާއިލާތަކާ ދުރުގައި ތިބެގެން ކުރާ މިމަސައްކަތަކީ ރަށުގެ ޢާމްދަނީ ހަމައެކަނި އެކަމަކަށް ބިނާވެފައިވާ މަސައްކަތަށް ވުމަކީ ޒުވާނުން އެންމެ ހިންހަމަޖެހޭ ކަމަކަށް ނުވެއެވެ.

ރަށުގައި ތިބެގެން ފުޅާދާއިރާއެއްގައި ކުރެވިދާނެ މަސައްކަތެއް ފަށައި ރަށުގެ ޢާމްދަނީ އިތުރުކޮށް ރަށް ތަރައްޤީކުރުމަކީ އެމީހުންގެ އުންމީދެކެވެ.

އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު ފުޅާ ދާއިރާއެއްގައި ކުރަމުންދާ ގެސްޓްހައުސްގެ ވިޔަފާރިއަކީ މިރަށުގެ ޒުވާނުންވެސް ވަރަށްބޮޑަށް ޝައުގުވެރިވާ ދާއިރާއެކެވެ. މިމަސައްކަތް ކުރުމުގެ ޤާބިލްކަމާއި، އެކަމަށް ބޭނުންވާ ތަނަވަސްކަން ރަށުގެ ޒުވާނުންގެ ކިބައިގައި ހުރިނަމަވެސް ދިމާވާ ހުރަސްތަކެއްވެސް އެބަހުއްޓެވެ. އެފަދަ އެންމެބޮޑު އެއް ހުރަހަކީ އިނގުރައިދޫގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމާއި ރަށުގެ ފެން ތަޣައްޔަރުވެފައި ވުމެވެ.

އިނގުރައިދޫއަކީ ހިތްގައިމު ހޭޅިފަށެއް އޮންނަ ރަށަކަށް ވީނަމަވެސް ގިނަ ސަރަޙައްދުތަކުގައި ރަށުގެ ވަށައިގެން އޮންނަނީ ފާޚާނާ ހޮޅިތަކެވެ. މީގެ ސަބަބުން މޫދުގެ ރައްކާތެރިކަން ގެއްލިފައިވާއިރު ރަށުގެ ހިތްގައިމުކަންވެސް ވަނީ ގެއްލިފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ޢަބްދުﷲ ޙަސަން ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ އިގުރައިދޫގެ ގިނަ ޒުވާނުން ކުރަން ބޭނުންވެފައިވާ ވިޔަފާރިއެއްކަމަށާ އެހެންނަމަވެސް ރަށުގެ ފެނާއި ނަރުދަމާގެ އެކަށީގެންވާ ނިޒަމެއް ނެތްއިރު އެފަދަ ކަމަކަށް އެހައިބޮޑު ޚަރަދެއްކުރަން ޒުވާނުން ބޭނުންނުވާކަމަށެވެ.

އިނގުރައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރުމަށް މިދިޔައަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ހިމަނާފައި އޮތެވެ. އެހެންނަމަވެސް މިދިޔަ އަހަރު ނިމުނުއިރުވެސް އެކަމަށް ޢަމަލީ ސިފައެއް އައިސްފައިނުވެއެވެ. އަނެއްކާ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް އެރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށްވަނީ ހިމަނާފައެވެ. ޖުމުލަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ މިކަމަށް ޚަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު މިއަހަރު އިނގުރައިދޫގައި ފެނާއި ނަރުދަމާގެ ރަނގަޅު ނިޒާމެއް ޤާއިމުވެގެންދާނެކަމަށް އިގުރައިދޫ ރައްޔިތުން އުއްމީދުކުރެއެވެ.

މީގެ އިތުރުން ރަށުގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ ސަރަޙައްދުގެ ފެނަކީ ވަރަށް ބޮޑަށް ލޮނުވެފައިވާ ފެނެވެ. އޭގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ. އެގޮތުން ބަދިގޭގައި ހިފާގެންގުޅޭ ތަކެއްޗާއި ސިންކު އަދި ފާޚާނާތައް އަވަހަށް ހަލާކުވާ މައިގަނޑު ސަބަބަކީ ފެން ލޮނުވުންކަމަށް އިނގުރައިދޫ ކައުންސިލުން ބުނެއެވެ. އަދި މިކަމަށް އަވަސް ޙައްލެއް ލިބޭނެކަމަށް އިނގުރައިދޫ ރައްޔިތުން އުއްމީދުކުރެއެވެ.