ޚަބަރު

ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކުރުމާ ބެހޭގޮތުން އެއްބަސްވުމެއް ޤާއިމުކުރަންޖެހޭ: އދ


އިސްރާއީލުން ހިޞާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކުރުމާ ބެހޭގޮތުން އިސްރާއީލާއި ފަލަސްޠީނާ ދެމެދު އެއްބަސްވުމެއް ޤާއިމުކުރާނެކަމަށް އުއްމީދުކުރައްވާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތޭރޭޝް ވިދާޅުވެއްޖެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް މިކަމަށް ގޮވާލައްވާފައިވަނީ، ހުޅަނގު އައްސޭރިގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ ފައުޖުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު ނުދޭނެކަމަށް އިސްރާއީލުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ގުތޭރޭޝް ވިދާޅުވީ، ވޭތުވެދިޔަ ބާވީސް އަހަރު ހުޅަނގު އައްސޭރިގައި ހަރަކާތްތެރިވި މި ފައުޖުގައި ހިމެނޭ މައިގަނޑު ފަސް ޤައުމަށް އދން ޝުކުރުވެރިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ސްވިޒަލޭންޑް، ސުވިޑަން، ނޯވޭ، އިޓަލީވިލާތް އަދި ތުރުކީވިލާތެވެ. އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މި ފައުޖުތަކުން ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތްކުރުން ހުއްޓާލިކަމުގައިވިޔަސް، ހުޅަނގު އައްސޭރިގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ އެއްބަސްވުމެއް ދާދިއަވަހަށް ޤާއިމުކުރެވިގެންދާނެކަމަށެވެ.

އދން އިސްނަގައިގެން މީގެ ބާވީސް އަހަރު ކުރިން މި ފައުޖު ޤާއިމުކުރީ، 1994 ވަނަ އަހަރު ފަލަސްޠީނުގެ މިސްކިތެއްގައި ނަމާދުކުރަން ތިބި ފަލަސްޠީނުގެ ރައްޔިތުންތަކަށް އިސްރާއީލުގެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި އޮނަތިރީސް މީހުން ޝަހީދުވުމާ ގުޅިގެންނެވެ. ފަލަސްޠީނުން ބުނެފައިވަނީ ފަސްދޮޅަސް މެމްބަރުންގެ މައްޗަށް ހިމެނޭ މި އޮބްޒަރވަރުންގެ ވަފުދުގެ މަސައްކަތްތައް ހުއްޓާލުމާއެކު ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް އިތުރުވެގެންދާނެކަމަށެވެ.