ވިޔަފާރި

ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވައިފި


ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މިކަމަށްޓަކައި ހުޅުމާލޭގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައި މި ގޮފި ހުޅުވައްވައިދެއްވީ އެމްއެމްއޭގެ ގަވަރނަރ އަޙުމަދު ނަޞީރެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރނަރު އަޙުމަދު ނަޞީރު ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ބޭންކު އޮފް ސިލޯނުން މުހިންމު ދަޢުރެއް އަދާކުރަމުންގެންދާކަމަށެވެ. އަޙުމަދު ނަޞީރު ވިދާޅުވީ، ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް އިތުރުކުރުމަށް އެމްއެމްއޭއިން އިސްކަމެއް ދެއްވާކަމަށާއި، މިގޮތުން މި ވިފަދަ ވިޔަފާރިތައް ފުޅާކުރުމުގެ ގޮތުން ގެރެންޓާއަކާ ނުލާ 70 ފަރާތަކަށް ލޯނު މިހާރުވެސް ދޫކޮށްފައިވާކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ބޭންކު އޮފް ސިލޯންގެ ޖެނެރަލް މެނޭޖަރ ސިނިރަތު ބަންޑާރަ ވިދާޅުވީ، އެމްއެމްއޭއިން ކުރިއަށްގެންދާ ޑިޖިޓަލައިޒް ޕްރޮގްރާމަކީ ބޭންކިން ނިޒާމަށް ވަރަށް މުހިންމު ކަމެއް ކަމެއްކަމަށެވެ. މީގެސަބަބުން ޚިދުމަތް ދިނުމުގައި އަވަސްވެ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ވިދާޅުވިއެވެ. ސިނިރަތު ވިދާޅުވީ ބޭންކް އޮފް ސިލޯންވެސް ޖިޑިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންގެންދަވާކަމަށާއި، މި ޚިދުމަތް ވަރަށް އަވަހަށް ފޯރުކޮށްދެއްވާނެކަމަށެވެ.

ހުޅުމާލޭގައި ހުޅުވި ބޭންކް އޮފް ސިލޯންގެ ބްރާންޗް ހުންނަނީ އަމީން އެވިނިއު ފްލެޓްގެ ގްރައުންޑް ފްލޯގައެވެ. މި ބްރާންޗްގައި ހުޅުވާފައިވަނީ ދެ އޭޓީއެމްއާއިވެސް އެކުގައެވެ.
ބޭންކް އޮފް ސިލޯންގެ ގޮތްޕެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވީ 1981 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި ހުޅުވުނު އެ ބޭންކުގެ ދެ ވަނަ ގޮތްޕެވެ. ރާއްޖޭގެ އިތުރުން އިންޑިއާ، ސީޝެލްސް އަދި އިނގިރޭސި ވިލާތުގައިވެސް ބޭންކް އޮފް ސިލޯންގެ ގޮފިތައް ހުރެއެވެ.