ޚަބަރު

މަޖިލީހުގެ އިންތިޚާބުގައި 36 ދާއިރާއަކަށް ކުރިމަތިލާން ޖޭޕީ އިން ނިންމައިފި


އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމުގެ ބާރު، އެޕާޓީގެ ލީޑަރަށް ދިނުމާއެކު ޖުމްލަ 36 ދާއިރާއަކަށް ވާދަ ކުރަން ޖޭޕީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެކުލަވާލި ކޮމެޓީއަކުން ނިންމާ ގޮތަށް އޮތް ނަމަވެސް އިންތިޚާބުގެ ކަންކަން ކުރުމަށް އެކުލަވާލި ކޮމިޓީން ފަހުން ވަނީ އެބާރު ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމަށް ދެއްވާފައެވެ.

ޖޭޕީގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރި 97 ފަރާތުގެ ތެރެއިން 36 ފަރާތަކަށް ޓިކެޓް ދިނުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި މިހާރުވެސް މެމްބަރުންކަން ކުރައްވާ ފަރާތްތަކާއި ގޮނޑި ގެއްލުނު މެންބަރުންގެ ތެރެއިން އެޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުން ހިމެނެއެވެ. ނަމަވެސް ދިއްދޫ ދާއިރާގެ މެންބަރާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރުގެ އެދުމުގެ އެ ދެބޭފުޅުންނަށް ޓިކެޓް ދީފައެއް ނުވެއެވެ.

  • ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް އެޕާޓީން ޓިކެޓް ދޭނެކަން އިއުލާން ކުރި ފަރާތްތަކަކީ:
  • 01- ހދ.ހަނިމާދޫ ދާއިރާ – ޙުސައިން ޝަހުދީ
  • 02- ހދ.ކުޅުދުއްފުށީ އުތުރު ދާއިރާ – ނަޞްރުﷲ އިސްމާޢީލް
  • 03- ށ.ކަނޑިތީމު ދާއިރާ – މުޙައްމަދު ޙުސައިން
  • 04- ރ.އުނގޫފާރު ދާއިރާ – އިލްހާމް އަޙުމަދު
  • 05- ރ.މަޑުއްވަރީ ދާއިރާ – މުޙައްމަދު އަމީތު އަޙުމަދު
  • 06- ބ.ކެންދޫ ދާއިރާ – ޢަލީ ޙުސައިން
  • 07- ޅ.ކުރެންދޫ ދާއިރާ – އަޙުމަދު މޫސާ
  • 08- ކ.ކާށިދޫ ދާއިރާ – މާޖިދު ސުލައިމާން
  • 09- އއ.މަތިވެރި ދާއިރާ – ޙުސައިން މުޙައްމަދު
  • 10- އއ.ތޮއްޑޫ ދާއިރާ – އިބްރާހިމް ޙަސަން
  • 11- އދ.މާމިގިލީ ދާއިރާ – ޤާސިމް އިބްރާހިމް
  • 12- އދ.ދަނގެތީ ދާއިރާ – މުޙައްމަދު ނާޒިމް
  • 13- ވ.ކެޔޮދޫ ދާއިރާ – މޫސާ ނިޒާރު އިބްރާހިމް
  • 14- ތ.ވިލުފުށީ ދާއިރާ – ރިޔާޒް ރަޝީދު
  • 15- ތ.ތިމަރަފުށީ ދާއިރާ – ޢަބްދުﷲ ރިޔާޟް
  • 16- ތ.ގުރައިދޫ ދާއިރާ – ޙުސައިން މަނިކު ދޮންމަނިކު
  • 17- ލ.އިސްދޫ ދާއިރާ – އަލީ ޙަމީދު
  • 18- ލ.ފޮނަދޫ ދާއިރާ – ފާޠިމަތު ޒަޢީމާ
  • 19- ލ.ގަމު ދާއިރާ - އާދަމް ޢާޞިފް
  • 20- ލ.މާވަށު ދާއިރާ – އަހުމަދު އަޒްހާން ފަހުމީ
  • 21- ގއ.ވިލިނގިލީ ދާއިރާ – ސައުދު ޙުސައިން
  • 22- ގއ.ގެމަނަފުށީ ދާއިރާ – ޢަލީ ޢާދިލް
  • 23- ގއ.ދާންދޫ ދާއިރާ – މުޙައްމަދު ޝިޔާމް
  • 24- ގދ.ތިނަދޫ ދެކުނުދާއިރާ – ޢަބްދުﷲ އަޙުމަދު
  • 25- ގދ.ފަރެސްމާތޮޑާ ދާއިރާ – މުޙައްމަދު މުޚުތާރު
  • 26- ޏ.ފުވައްމުލަކު އުތުރުދާއިރާ – ޢަލީ ޝާހު
  • 27- ސ.ހިތަދޫ މެދު ދާއިރާ – ޙުސައިން ޞާލިހު
  • 28- ހެންވޭރު ދެކުނު ދާއިރާ – އިރުތިޝާމް އާދަމް
  • 29- ހެންވޭރު އުތުރު ދާއިރާ – އަލްހާން ފަހުމީ
  • 30- މައްޗަންގޮޅި ދެކުނުދާއިރާ – އިބްރާހިމް މަމްނޫން
  • 31- މާފަންނު ދެކުނުދާއިރާ – މުޙައްމަދު ހަމްދާން
  • 32- ވިލިމާލެ ދާއިރާ – ޑރ.މުޙައްމަދު ޖަމީލު އަޙުމަދު
  • 33- ގަލޮޅު ދެކުނުދާއިރާ – ޢަބްދުﷲ ނަވާޒު
  • 34- ހެންވޭރު ހުޅަނގުދާއިރާ – ޢާއިޝަތު ނާޒިމާ
  • 35- ބިލެއްދޫ ދާއިރާ – އަހްމަދު މުބީން
  • 36- މަހިބަދޫ ދާއިރާ – އަހްމަދު ސުނިލް

އެކަމާއި ގުޅޭ މަޢުލޫމާތު ދެއްވަމުން، ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެޕާޓީން ވަކިން 36 ދާއިރާއަކަށް ވާދަކުރަން ނިންމީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ވެވިފައިވާ އެއްބަސްވުމަށް އެމްޑީޕީން އިހްތިރާމު ނުކުރުމުން، ގޮތް ހުސްވެގެން ކަމަށެވެ. އަދި ޕާޓީގެ ޓިކެޓް ދިނުމުގައި ބަލާނީ މީހުންގެ ޤާބިލު ކަމަށާއި ހޮވޭނެކަމުގެ ފުރުސަތު ބޮޑު ފަރާތްތަކަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރާއިރު، އެ މައްސަލައިގައި ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. އެގޮތުން ޖޭޕީން ބުނެފައި ވަނީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަކިން ވާދަ ކުރަން ނިންމާފައި ވަނީ ކޯލިޝަންގެ އެއްބަސްވުމާއި ހިލާފަށް ކަމަށެވެ. ނަމަވެސް އެއްކޮށް ވާދަކުރަން އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.