ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރު އަޙްމަދު ލަޠީފާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އަޙްމަދު ލަޠީފަށް މަރުހަބާ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ޖަރުމަނުވިލާތާއި ރާއްޖެއާދެމެދު އޮތް ގުޅުމުގެމައްޗަށް އަލިއަޅުއްވައިލައްވައި އަޙްމަދު ލަޠީފުގެ އެހީތެރިކަމާއެކު އެގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަޙްމަދު ލަޠީފުގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއަށް މަންފާލިބޭނެ ދާއިރާތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ޖަރުމަނުވިލާތުގައި ރާއްޖޭގެ ރީތިނަން ދެމިގެންދާނެ ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ ޖަރުމަނުވިލާތުގައި އުފައްދާ ފެންވަރު ރަނގަޅު މުދާ ރާއްޖެއިންވެސް ލިބެން ހުރުމުން ކުރާނެ ފައިދާތަކުގެ މައްޗަށް ބައްލަވައިލައްވައި ޖަރުމަނުވިލާތާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ޖަރުމަނުވިލާތުގެ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ރާއްޖެއަށް ހޯދިދާނެ މަންފާތަކާއި އެހީތެރިކަމުގެ މައްޗަށް ބައްލަވައިލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވަނީ އެދާއިރާތަކުގެ ހަރުދަނާ ސިޔާސަތުތައް ދިވެހިރާއްޖެއަށް ތަޢާރަފުކޮށް ޖަރުމަނުވިލާތުގެ ތަޖުރިބާކާރުންގެ އެހީ ހޯއްދެވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޖަރުމަނުވިލާތުގައި ދިރިއުޅުއްވާ ދިވެހިންނަށާއި، އެ ޤައުމުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ކިޔަވާކުދިންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ މިލިބިވަޑައިގެންނެވި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާނެ ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި ހުރިހާ ދާއިރާއަކުންވެސް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.