ކުޅިވަރު

ޔޫއޭއީ ބަލިކޮށް ފައިނަލްގަ ޖަޕާނާ ވާދަކުރާ ޓީމަކަށް ޤަތަރު


މުބާރާތް ބާއްވާ ގައުމު ޔޫއޭއީ ބޮޑު ތަފާތަކުން ބަލިކޮށް އޭޝިއަންކަޕްގެ ފައިނަލުން ޤަތަރު ޖާގަ ހޯދައިފިއެވެ.
އޭޝިއަން ކަޕްގެ ސެމީފައިނަލްގައި ޔޫ.އޭ.އީ އާއި ޤަތަރު ބައްދަލުކުރި މެޗް ޤަތަރުން ކާމިޔާބުކުރީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ސިޔާސީ ގޮތުން ހަމަނުޖެހުން ބޮޑު ޔޫ.އޭ.އީ އާއި ގަތަރު ވާދަކުރި މެޗް ފެށުމުގެ ކުރިންވެސް ޔޫ.އޭ.އީގެ ސަޕޯޓަރުން ވަނީ ޤަތަރުގެ ޤައުމީ ސަލާމް ކުރިއަށް ދިޔަ ވަގުތު އަޑު ގަދަކޮށްފައެވެ.

މެޗް ފެށިގެން ފުރަތަމަ ހާފް ނިމުނު އިރު ޤަތަރުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފަ. މި ދެލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބޯއާލެމް ކައުކީ އަދި ޚާލިދު އީސާއެވެ. މެޗް ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ޤަތަރަށް ލީޑް ފުޅާކޮށްދިނީ ހަސަން އަލް ހަޔްދަވްސްއެވެ.
މި ލަނޑާއެކު ޔޫ.އޭ.އީގެ ސަޕޯޓަރުން ވަނީ ޤަތަރު ކުޅުންތެރިންނާ އަމާޒުކޮށް ފެންފުޅިއާއި ފައިވާންވެސް އުކާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ޤަތަރުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އިސްމާއިލް އަހުމަދެވެ. މެޗުގެ ފަހު ވަގުތުކޮޅު އޭނާއަށް ކުރި ފައުލަކާ ގުޅިގެން ޔޫ.އޭ.އީގެ ހާމިދު އިސްމާއިލަށް ވަނީ ރަތްކާޑު ދައްކާ ދަނޑުންވެސް ފޮނުވާލާފައެވެ.

އޭޝިއަންކަޕްގެ ފައިނަލްގައި ޤަތަރު ނިކުންނާނީ މި މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފައިވާ ޖަޕާނާއި ދެކޮޅަށެވެ. ޖަޕާނާ ޤަތަރު ވާދަކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ.