ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު ގޭބަންދަށް ބަދަލުކުރަން ހައިކޯޓުން ކުރިއަމުރު ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމްކޯޓުން ނެރުއްވާފައިވާ އަމުރުގައިވަނީ އަދީބު ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރާމެދު ސުޕްރީމްކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ހައި ކޯޓުގެ އަމުރު ތަންފީޒުނުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަމުރު ނެރުއްވީ އަދީބު ގޭބަންދަށް ބަދަލުކުރުމަށް ހައިކޯޓުން ނެރުއްވި އަމުރު ތަންފީޒުކުރުން ހުއްޓުވުމަށް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައި ވާތީއެވެ. ހައިކޯޓުގެ ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަކުން ކަނޑައަޅުއްޥާފައިވާ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅާދިނުމަށާ އަދި އެއަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމްކޯޓުގައި އެދިފައިވެއެވެ.
އެހެންކަމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކިގޮތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަންދެން، އަދީބު ގޭބަންދަށް ބަދަލުކުރުމަށް ނެރެފައިވާ، ހައިކޯޓުގެ ކޯޓު އަމުރު ތަންފީޒުކުރުން ވަގުތީގޮތުން ފަސްކުރުމަށާއި، އެ އަމުރު ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ސުޕްރީމްކޯޓުންވަނީ އަންގައި އަމުރުކޮށްފައެވެ.