ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުން މަޖިލީހުގެ ދެ މެމްބަރުންކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.
އަބްދުﷲ ސައީދާ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރުން އަބްދުﷲ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ އއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރާައި ގުޅިގެން ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައެވެ.
ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ މި ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އިތުރަށް ކުރިޔަށް ނުގެންދަން ނިންމާ އެ މައްސަލަތައް އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވާކަމަށެވެ.
އަބްދުﷲ ސައީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަނބުރާ ނެގިނަމަވެސް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރާ ގުޅިގެން އިތުރު ދައުވާތަކެއްވެސް ވަނީ އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައެވެ. ދައުލަތުން އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފި ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދައުވާއެވެ. މީގެތެރެއިން ދެ ދައުވާއެއް ސާބިތުވެ އަބްދުﷲސައީދުގެ މައްޗަށްވަނީ ތިން އަހަރާއި އެގާރަމަހާއި އަށާވީސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި މަޖިލީހުގެ ދެ މެމްބަރުންކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތަކުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް އުފުލު ދައުވާތައްވެސް ދައުލަތުން ވަނީ ނަގާފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދޫﷲ ރިޔާޒާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައްވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.