ޚަބަރު

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ އައިސް ނުލިބުމާއި މަސް ނުކިރެވުން


މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސް ކިރުވޭގޮތް ނުވުމާއި، އައިސް ނުލިބުމުގެ ޝަކުވާކަމަށް ފިޝަރީޒް މިނިސްޓަރު ޒަޙާ ވަހީދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ބައެއް އަތޮޅުތަކަށް ޒިޔާރަތްކުރައްވާ އެސަރަހައްދުގެ މަސްވެރިންނަށް ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންގެ އަޑު އަހައި، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުމަކީ މަސްބާނާ ދުވަސްވަރު މަސް ކިރުވުމުގައި ހުރި ދަތި އުނދަގޫކަމާއި އަދި އައިސް ހޯދަން އުނދަގޫވުން ކަމަށެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ، މަސްކިރުވުމާއި، އައިސް ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިފްކޯއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، މިކަންކަމަކީ ހައްލުކުރެވޭނޭ ކަންތައްކަމަށެވެ
.
މިނިސްޓަރުގެ މި ދަތުރުގައި ގއ. ކޮލަމާފުއްޓާއި، އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއަށް ވަޑައިގެން މިފްކޯއިން އެރަށުގައި ކުރަމުންގެންދާ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ. އަދި މިފްކޯއިން އައްޑޫސިޓީގައި ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވާ އެ ތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްދަލާވައްވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރު ވަނީ އައިސްޕްލާންޓް ބަހައްޓާފައެވެ. މީގެ ތެރެއިން ގިނަ ޕްލާންޓްތަކަކީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓްތަކެވެ. މިފްކޯގެ އައްޑޫސިޓީ ހުޅުމީދޫ ފިޝަރީޒް ކޮންޕްލެކްސްއިން އައިސް ލިބެން ފެށުމުން އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ހޯދުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އަންނާނެކަމަށް މަސްވެރިން ބުނެއެވެ.

މި އައިސްޕްލާންޓަކީ ދުވާލެއެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެކެވެ. ކުރިއަށް އޮތް ދެ ހަފްތާތެރޭގައި މި އައިސް ޕްލާންޓްގެ ޚިދުމަތް ލިބޭނެކަމަށް އައްޑޫސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވާ ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ދެކުނުގެ އަތޮޅުތަކަކީ ރާއްޖޭގެ އެންމެ މަސްވެރިކަން ރަނގަޅު ސަރަހައްދު. ޚާއްޞަކޮށް ހުވަދު އަތޮޅަކީ މަސްދޯނިފަހަރު އެންމެ ގިނަ އަތޮޅޫކަން ފާހަގަކޮށްލެވެއެވެ.