ޚަބަރު

މުވައްޒަފުންތަކެއް ކުއްލިގޮތަކަށް ސަސްޕެންޑުކުރުމާ ބެހޭގޮތުން ފަތުރަނީ ދޮގުޚަބަރެއް - ފެނަކަ


ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންތަކެއް ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ލިޔުން ފޮނުވަމުންދާކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތައް ފެނަކަ ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފަކު މިހާތަނަށް ސަސްޕެންޑް ކޮށްފައިވާނަމަ އެކަން ކޮށްފައިވާނީ ކުންފުނިން ދޭޚިދުމަތްތައް ދިނުމުގައި އެ މުވައްޒަފެއްގެ އިހުމާލުން ކުންފުންޏަށް ގެއްލުންވެ، މަސްޢޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަވުމާއި ކުންފުނީގެ މުދަލާއި ފައިސާއަށް އިހުމާލުވުމާއި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ފޯރުކޮށްދިނުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ މުވައްޒަފުންކަމަށެވެ.

އަދި ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ހިންގަމުންދާ މުވައްޒަފުންނާ މެދުވެސް ފިޔަވަޅު އަޅާފައިވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ މުވައްޒަފުންތަކަކަކާ މެދު ކުއްލިގޮތަކަށް ފިޔަވަޅުތަކެއް އެޅިކަމަށްބުނެ މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް އިހުމާލުވާ މުވައްޒަފުންނާމެދު ކަނދޑައެޅިފައިވާ އުސޫލުން އަމަލު ކުރަމުންދާނެ ކަމަށާ، އެ ކުންފުންޏަކީ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަމާއި މުވައްޒަފުންގެ ނަޒާހަތްތެރިކަން ފުރިހަމަ ގޮތުގައި ހޯދައި ދިނުމަށް މަސައްކަތްކުރާނެ ކުންފުންޏެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދޭ ކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.