ވިޔަފާރި

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ކިރުވޭގޮތް ނުވުމާއި، އައިސް ނުލިބުން


މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސް ކިރުވޭގޮތް ނުވުމާއި، އައިސް ނުލިބުމުގެ ޝަކުވާކަމަށް ފިޝަރީޒް މިނިސްޓަރު ޒަޙާ ވަހީދު ވިދާޅުވެއްޖެއެވެ.
ދެކުނުގެ ބައެއް އަތޮޅުތަކަށް ޒިޔާރަތްކުރައްވާ އެސަރަހައްދުގެ މަސްވެރިންނަށް ބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންގެ އަޑު އަހައި، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުމަކީ މަސްބާނާ ދުވަސްވަރު މަސް ކިރުވުމުގައި ހުރި ދަތި އުނދަގޫކަމާއި އަދި އައިސް ހޯދަން އުނދަގޫ ވުން ކަމަށެވެ. މިނިސްޓަރ ޒަހާ ވިދާޅުވީ، މަސްކިރުވުމާއި، އައިސް ހޯދުމަށް ދިމާވެފައިވާ ދަތިތައްް ހައްލުކުރުމަށް މިފްކޯއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، މިކަންކަމަކީ ހައްލުކުރެވޭނޭ ކަންތައްކަމަށެވެ.

މިނިސްޓަރުގެ މި ދަތުރުގައި ގއ. ކޮލަމާފުއްޓާއި، އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއަށް ވަޑައިގެން މިފްކޯއިން އެރަށުގައި ކުރަމުންގެންދާ މަސައްކަތްތައް ވަނީ ބައްލަވާލައްވައިފައެވެ. އަދި މިފްކޯއިން އައްޑޫސިޓީގައި ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކުރައްވާ އެ ތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްދަލާވައްވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރު ވަނީ އައިސްޕްލާންޓް ބަހައްްޓާފައެވެ. މީގެ ތެރެއިން ގިނަ ޕްލާންޓްތަކަކީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓް ތަކެވެ. މިފްކޯގެ އައްޑޫސިޓީ ހުޅުމީދޫ ފިޝަރީޒް ކޮންޕްލެކްސްއިން އައިސް ލިބެން ފެށުމުން އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ހޯދުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް އަންނާނެކަމަށް މަސްވެރިން ދެކެއެވެ. މި އައިސްޕްލާންޓަކީ ދުވާލެއެއްގެ މައްޗަށް 100 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެކެވެ. ކުރިއަށް އޮތް ދެ ހަފްތާތެރޭގައި މި އައިސް ޕްލާންޓްގެ ޚިދުމަތް ލިބޭނެކަމަށް އައްޑޫސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވާ ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދެކުނުގެ އަތޮޅުތަކަކީ ރާއްްޖޭގެ އެންމެ މަސްވެރިކަން ރަނގަޅު ސަރަހައްދެވެ. ޚާއްޞަކޮށް ހުވަދު އަތޮޅަކީ މަސްދޯނިފަހަރު އެންމެ ގިނަ ސަރަހައްދެވެ.