ގައުމީ ފުޓްބޯޅަ އިދާރާއިން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރީ ޒާތީ ވެގެން ކަމަށް އެކުލަބުން ބުނެފިއެވެ.
10 ކުޅުންތެރިއެއްގެ މުސާރަ އަށްވާ 3.8 މިލިއަން ރުފިޔާ ހަލާސްނުކޮށްގެން ސަސްޕެންޑްކުރުމާ ގުޅިގެން ނިއުއިން މުސާރަނުދީވާ ކަމަށް އެއްބަސްވެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ އެފްއޭއެމުގެ ރައީސް ބަދަލު ކުރަން އެކުލަބުން މަސައްކަތް ކުރާތީވެ އެޅި ފިޔަވަޅެއް ކަމަށެވެ. މިވާހަކަ އަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ ތާއީދުކޮށްފައެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނެރުނު ބަޔާނުގައިވަނީ އެފް.އޭ.އެމްގެ ޕްލޭޔާރސް ސްޓޭޓަސް ކޮމެޓީއަށް މިމަހުގެ 23 ވަނަ ދުވަހު އެކްލަބް ހާޒިރުވުމުން، ކުޅުންތެރިންގެ މުސާރައިގެ ކަންކަން ނިންމުމަށް ކްލަބުން ހަދާފައިވާ ޕްލޭންއަކީ ކޮބައިތޯ ބަލާ އެ ޕްލޭން ލިޔުމަކުން އެފް.އޭ.އެމަށް ހަފްތާއެއްގެ ތެރޭގައި ހުށައެޅުމަށް އެކޮމެޓީއިން ކްލަބަށް އަންގާފައިކަމަށް ބުނެފައެވެ.
އަދި އޭގެ ތިން ދުވަސް ފަހުން "އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެފް.އޭ.އެމްގެ ފަރާތުން ނިންމި ހަރުކަށި، ތާކުންތާކު ނުޖެހޭ ނިންމުމަކީ" އެކްލަބުން ބަލައިގަންނަ ނިންމުމެއް ނޫންކަމަށް ބުނެފައެވެ.
ނިއުރޭޑިންޓުން ސަސްޕެންޝަނާ ގުޅިގެން އިތުރަށް ބުނީ މުސާރައިގެ މައްސަލަތަކަކީ ރާއްޖެ ގިނަ ކްލަބް ތަކަށް މިހާރު ދިމާވެފައިވާ މައްސަލައެއް ކަމަށާއި ނިއުރޭޑިއަންޓަށްވުރެ ގިނަދުވަސް ވަންދެން މުސާރަ ނުދޭ ކްލަބްތައްވެސް އެބަތިބި ކަމަށެވެ.
ނަމަވެސް އެފްއޭއެމުން ބުނީ މިއީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ލިޔެކިއުންތަކަށް ބަލައި ނިއު އަށް ތަކުރާރުކޮށް މުސާރައިގެ މައްސަލަ ހައްލުކުރަން އެންގުމުން ވެސް އެއްބާރުލުން ނުލިބޭތީވެ ކުޅުންތެރިންގެ ހިމާޔަތުގައި އެޅި ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް ނިއުއިން ވަނީ އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔައި ރައީސް ކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރަން ޖެހޭ ކަމަށް ބުނެ އަށް ނުކުތާއެއް ފާހަގަކޮށްފައެވެ.
އެއީ:
1. އެފްއޭއެމުގެ ހިންގާ ގަވާއިދާ ހިލާފަށް އެކްސްކޯގެ މެމްބަރުން ބަދަލުކުރުން
2. ހިންގާ ގަވާއިދުގައިވާ ބުނާގޮތަށް އެކްސްކޯގެ ބައްދަލުވުންތައް ނުބޭއްވުން
3. އެފްއޭކަޕާއި ގައުމީ މުބާރާތް މިދިޔަ އަހަރު ނުބޭއްވުން
4. ހިންގާ ގަވާއިދުގައި ބުނެފައިވާ އެސޯސިއޭޝަންސްތައް ނުއުފެއްދުން
5. ކުލަބުތަކާ މަޝްވަރާނުކޮށް މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުން ލަސްކުރުން.
6. އޭއެފްސީ ކަޕުން ފުރުސަތު ނުލިބުމުގައި އެފްއޭއެމުގެ އިހުމާލެއް އޮތްކަމަށް ތުހުމަތު ކުރެވުން
7. ކުލަބުތަކާ މަޝްވަރާނުކޮށް ބޮޑެތި ނިންމުންތައް ނިންމުން
8. ފުޓްބޯޅަ އަށް ސިޔާސީ ކަންކަން ވައްދާ އެފްއޭއެމް އިމާރާތުގައި ސިޔާސީ އޮފީހެއް ހެދުން
ނަމަވެސް މީގެ ތެރެއިން ފުޓްބޯޅަ ސީޒަން ބަދަލު ކުރުމާއި މުހިންމު ނިންމުންތައް ނިންމުމުގައި ކުލަބުތަކާ މަޝްވަރާކޮށް ލިޔެކިއުމުން ކަންކަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ދަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ބުނެފައެވެ.