ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އަތޮޅު ކައުންސިލްގެ މެންބަރުންނާއި ފޮނަދޫގެ ބައެއް މުއައްސަސާ ތަކުގު އިސްވެރިންނާ މިއަދު މެންދުރުފަހު ބައްދަލު ކުރައްވައިފިއެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލްގެ މެންބަރުންނާއިއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ކައުންސިލްގެ މެންބަރުންވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ. އަދި ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ރަށްރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލާއި ބައްދަލުކޮށްލެއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ރަށްރަށުގެ ތަރައްޤީއަށް އެބޭފުޅުން ބޭނުންފުޅުވާ ކަންކަން އޮޅުން ފިލުއްވުން ކަމުގައެވެ. ސަރުކާރުން ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ނިންމަވައި ދެއްވުމަކީ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވާ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ބަނދަރުގެ މަސައްކަތާއި ޞިއްޙީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށާއި ސެންޓްރަލް ޕަވަރސްޓޭޝަނެއް ތަރައްޤީކުރުމުގެ ޚިޔާލާއި ކުޅިވަރު ތަރައްޤީކުރުމަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި މެންބަރުންވަނީ ހައްދުންމަތީގެ ރަށްރަށަށް ބޭނުންވާ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.
ފޮނަދޫގެ ބައެއް މުއައްސަސާ ތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައިވެސް ރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ވަރަށް ގިނަ ކަންކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައި ޞިއްޙީ މަރުކަޒަށް ބޭނުންވާ ސާމާނުގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާކަން މުއައްސަސާތަކުގެ ވެރިން ފާހަގަ ކުރެއްވިއެވެ. ތަޢުލީމީ މަރުކަޒުގެ ކްލާސްރޫމްގެ ދަތިކަމާއި މަރާމާތުކުރަން ޖެހިފައިހުރިކަން ވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޕަބްލިކް ވާކްސްގެ މަސައްކަތް ހުއްޓިފައިވާކަމާއި ސަރުކާރުގެ މުއައްސަސާތައް އެއްފުރާޅެއްގެދަށަށް ގެނައުން ވަރަށް މުހިންމުކަން ވެސް މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ރަށުގެ ރައްޔިތުންނަށް ދަތިވެފައިހުރި ގިނަ ކަންތައްތަކެއް ރަނގަޅުކޮށްދެއްވުމަށް މުއައްސަސާތަކުގެ އިސް ވެރިން އެދިވަޑައިގެންނެވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީ އެމުއައްސަސާތަކުގެ ހާލަތު ބައްލަވައިލައްވައި ކުރިއަށް އޮތްތަނުގައި ސަރުކާރުން ކަންކަން ކުރިއަށް ގެންދަވާނެ ގޮތް ރޭއްވެވުމަށް ކަމުގައި ވިދާޅުވިއެވެ.