ކުޅިވަރު

ވެމްކޯއިން މިފަހަރުގެ އެސޯސިއޭޝަން ކަޕް ނަގަންޖެހޭ - ޓީމްގެ ކޯޗް


އެސޯސިއޭޝަން ކަޕްގައި ވާދަކުރާ ވެމްކޯ ޓީމްގެ މިއަހަރުގެ އަމާޒަކީ ތަށި ހޯދުންކަމަށް ޓީމްގެ ކޯޗް ސޮފްވާން އަޙުމަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުން ވެމްކޯ ޓީމް ބަލިވީ މާފަންނު ޔޫތް ޑިވެލޮޕްމަންޓް އެސޯސިއޭޝަނާއި ވާދަކޮށެވެ. މިފަހަރުގެ މުބާރާތުގައި މާފަންނު ޔޫތް ޑިވެލޮޕްމެންޓްގެ ޓީމުން މިއަހަރު ބައިވެރިއެއް ނުވެއެވެ.

ވެމްކޯގެ ކޯޗް ސޮފްވާން އަޙުމަދު ބުނީ މި ފަހަރުގެ އެސޯސިއޭޝަން ކަޕަކީ ގައުމީ ފެންވަރެއްގައި ވެމްކޯ ބައިވެރިވާ ތިން ވަނަ މުބާރާތް ކަމުން މުބާރާތް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. ފުރަތަމަ މެޗްގައި ލޮރެންޒޯ ސްޕޯޓްސް ކްލަބާ ކުރިމަތި ލާއިރު ޓީމް އޮތީ ތައްޔާރަށް ކަމަށާއި، އަނިޔާގެ އެއްވެސް މައްސަލައެއް ޓީމްގައި ނެތްކަންވެސް ކޯޗް ފާހަގަކުރިއެވެ.

"ވެމްކޯގެ ބޮޑު މުބާރާތަކަށް ނުކުންނަ ތިންވަނަ ފަހަރު މިއީ، އޮފީސް މުބާރާތުގެ ޗެމްޕިއަންކަންވެސް ނެގީ ވެމްކޯ، އެހެންވީމަ މި އެސޯސިއޭޝަން ކަޕަކީ ވެމްކޯ ކޮންމެހެންވެސް ކާމިޔާބުކުރަން ބޭނުން މުބާރާތެއް، އެއީ ތިންވަނަ މުބާރާތް ކަމަށް ވާތީ. އެހެންވީމަ އަޅުގަނޑުމެން ހަމަ މަސައްކަތް ކުރާނީ އެންމެ ބެސްޓް ދޭން" ވެމްކޯ ޓީމްގެ ކޯޗް ބުންޏެވެ.

ވެމްކޯގެ އިތުރުން އެސޯސިއޭޝަންކަޕްގަ ދެން ވާދަކުރާނީ މިދިޔަ އަހަރުގެ އެސޯސިއޭޝަންސް ކަޕްގެ ތިން ވަނަ ހޯދި ޕޮލިސް ކްލަބާއި، ޕްރިލިމިނަރީ ބުރުން ކޮލިފައިވި އަލްމާ ސްޕޯޓްސް ކްލަބާއި، ލޮރެންޒޯ ސްޕޯޓްސް ކްލަބެވެ.