ޚަބަރު

އިގުރައިދޫ ވަޑާމުގެ މަސައްކަތް ދިރުވާ އާލާ ކުރަންޖެހޭ - މިނިސްޓަރ ޔުމްނާ


ރ.އިނގުރައިދޫއަކީ ވަޑިން ގިނަ ވަޑާމުގެ މަސައްކަތައް މަޝްހޫރު ރަށަކަށްވުމުން ޘަޤާފީ މިމަސައްކަތް ދިރުވާ އާލާކުރުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އިލްތިމާސްކުރައްވައިފިއެވެ.

ރ. އިނގުރައިދޫގައި ބޭއްވި 30 ވަނަ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ އިގުރައިދޫ ވަޑިން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މަސައްކަތްކުރަމުން އަންނަ ކަމަށާއި އަންނަން އޮތް ޖީލުތަކަށްވެސް މިމަސައްކަތް މިގޮތުގައި ގެންގޮސްދޭންޖެހޭކަމަށެވެ.

އިނގުރައިދޫގައި މީގެ ކުރިން މިފަދަ އެތައް މަސައްކަތެއް ކޮށް އުޅުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެމަސައްކަތްތައް އުވިގެން ދިޔަ ގޮތަށް ވަޑާމުގެ މަސައްކަތް އުވިގެން ދިޔަ ނުދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަމުގައި ރަށުގެ ހުރިހާ އެންމެން އެއްބާރުލުން ދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން މަޝްހޫރު ޅެންވެރިޔާ ފަރެސް މުޙައްމަދު އާމިރު ވިދާޅުވީ ބަސް ދިރުވާ އާލާކުރުމާއި އަދަބިއްޔާތު އިތުރަށް ކުރިއެރުވުމަށް ބޭނުންވަނީ ހަމައެކަނި ތަޢުރީފު ނޫންކަމަށާއި މިކަންކަން އިތުރަށް ކުރިއަރުވަން މަސައްކަތްކުރާނެ ބަޔަކުވެސް ބޭނުންވާކަމަށެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަކުރައްވާފައިވަނީ ރ. އިގުރައިދޫއަށް އުފަން އަލްމަރުޙޫމް ޔޫސުފް މުޙައްމަދުފުޅަށެވެ. މިޖަލްސާގައި ޔޫސުފް މުޙައްމަދުފުޅުގެ ޢާއިލާގެ ފަރާތުން އެމަނިކުފާނުގެ ދަރިކަލުން މުޙައްމަދު ޝާފިޢު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އޭނާ ވިދާޅުވީ ބައްޕާފުޅުގެ ޅެންތައް މިއަދުގެ ޖީލުތަކުގައި ފަނޑުކަމެއް ނެތި އިވެމުންދާތީ އެކަމާ އުފާކުރައްވާ ކަމަށާއި އަދި އެ ޅެންތަކުން މީހުންގެ ދިރިއުޅުމަށް ޔޫސުފް މުޙައްމަދުފުޅު ގެންނެވި ބަދަލުތަކާމެދުވެސް އުފާކުރައްވާ ކަމަށެވެ.

30 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވަނީ މަޝްހޫރު ޅެންވެރިޔާ އަމްޖާދް ރަޝާދުގެ ޅެންތައް އެކުލެވޭ ޅެންފޮތަކާއި އިގުރައިދޫގައި ކުރިއަށް ގެންދިޔަ ޅެން ހަދަން ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވި ދަރިވަރުން ހެދި ޅެންތައް އެކުލެވޭ ޅެން ފޮތެއްވެސް ނެރެފައެވެ. މިޖަލްސާގައި ޅެންވެރިންގެ ހުނަރުތައް ދައްކާލުމާއި އިނގުރައިދޫ ޒުވާނުންނާއި ސްކޫލް ކުދިންގެ ޘަޤާފީ އެކި ހުށައެޅުންތައްވަނީ ދައްކާލާފައެވެ.