ޚަބަރު

އެމެރިކާގެ މަރުކަޒީ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ އޮތުމަށް ވަގުތީ ހައްލެއް


އެމެރިކާގެ މަރުކަޒީ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ހުއްޓުވުމަކަށް ގެނައުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޑިމޮކްރަޓިކް ޕާޓީއާ ދެމެދު ވަގުތީ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެމެރިކާގެ މަރުކަޒީ ސަރުކާރުގެ ގިނަ އިދާރާތަކާއި ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައި އޮންނަތާ 35 ދުވަސް ވެފައިވާއިރު، ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި، އެމެރިކާ އާއި މެކްސިކޯއާ ދެމެދު ރާނަން ނިންމާފައިވާ ފާރަށް ފަންޑުދިނުމަށް ޤާނޫނު ހަދާ މަޖިލީހުން އެއްބަސްވެފައެއް ނުވެއެވެ. މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު ރާނަން ނިންމާފައިވާ ފާރަށް ޚަރަދުކުރާނެ ފަހެއް ޕޮއިންޓް ހަތެއް ބިލިޔަން އެމެރިކާ ޑޮލަރު ބަޖެޓުގައި ހިމެނުމަށް ހުށަހަޅުއްވާފައެވެ.

އެހެންނަމަވެސް ވައިޓްހައުސްގައި ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ، ތިން ހަފުތާއަށް، ފެބްރުއަރީ މަހުގެ ފަނަރަ ވަނަ ދުވަހާ ހަމައަށް، ސަރުކާރުގެ މުވައްސަސާތައް އަލުން ހުޅުވައި، ޚިދުމަތްތައް ދޭން ފެށުމަށް ނިންމާ ވަގުތީ އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.

އެހެންނަމަވެސް ތިން ހަފުތާއަށް ފަހުވެސް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، އެމެރިކާ އާއި މެކްސިކޯއާ ދެމެދު ރާނަން ނިންމާފައިވާ ފާރަށް ފަންޑުދިނުމަށް އެއްބަސްނުވެއްޖެނަމަ، ކުއްލި ޙާލަތު އިޢުލާންކުރައްވަންވެސް ޖެހިވަޑައިގެންފާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕާއި ކޮންގްރެސް އިން މަރުކަޒީ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތް އޮތުން ހުއްޓުވުމަކަށް ގެނައުމަށް އެއްބަސްވެފައިވަނީ، އެކަމާ ގުޅިގެން 800،000 މުވައްޒަފުންނަށް މުސާރަ ނުދެވި، ދައުލަތުގެ ދިފާޢީ ޚަރަދުތަކަށް ދާންދެން ހުއްޓުމާއެކު، ޢާއްމުންނާއި ދައުލަތުގެ އިދާރާތަކުން، ޓްރަމްޕާއި ޤާނޫނު ހަދާ މަޖިލީހަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.