ޚަބަރު

އިމިގްރޭޝަނުން ތަފާސްހިސާބުތައް އާންމުކުރަން ފަށައިފި


އިމިގްރޭޝަނުން ތަފާސްހިސާބުތައް އާންމުކުރަން ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކެފޭ ރެސްޓޯރެންޓްތަކާއި، ރިސޯޓްތަކާއި، ފިހާރަތަކާއި، ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އެހެނިހެން ފަރާތްތަކުން ރާއްޖެއަށް 1048 ބިދޭސީން އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވެއެވެ. ނަމަވެސް އިމިގްރޭޝަނުން ހުއްދަ ދީފައިވަނީ މީގެ ތެރެއިން 415 ބިދޭސީން އެތެރެކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް ދޫކުރި 393 ކޯޓާއާއި، ކުރިން ދޫކޮށްފައިވާ ކޯޓާތަކަށް އިތުރުކުރި 22 ކޯޓާއެވެ. މި މުއްދަތުގައި އެންމެ ގިނަ ކޯޓާ ދޫކޮށްފައިވަނީ ރިސޯޓްތަކާއި، ގެސްޓްހައުސްތަކަށާއި، ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކަށެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހަފްތާއަކު އެއްފަހަރު ތަފާސްހިސާބުތައް އާންމު ކުރުމަށް ނިންމާފައިވާއިރު، މިއީ އިމިގްރޭޝަނުން ތަފާސްހިސާބުތައް މިފަދައިން އާންމުކުރަންފެށި ފުރަތަމަ ފަހަރެވެ. މި ތަފާސްހިސާބުތަކުގެ ތެރޭގައި ހަފްތާ ތެރޭގައި ޕާސްޕޯޓަށް އެދުނު ފަރާތްތަކުގެ އަދަދާއި، ދޫކުރި ޕާސްޕޯޓްތަކުގެ ޢަދަދުވެސް ހިމެނެއެވެ. އެގޮތުން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް 1032 ޕާސްޕޯޓް ހެއްދުމަށް ފޯމް ލާފައިވާއިރު، މި މުއްދަތުގައި 694 ޕާސްޕޯޓް އިމިގްރޭޝަނުން ވަނީ ދޫކޮށްފައެވެ.

ރާއްޖޭގައި ދޮޅުލައްކައެއްހާ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، މީގެތެރެއިން 63 ހާސް މީހުން އުޅެމުންދަނީ ޤަވާއިދާ ޚިލާފަށްކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވަނީ ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި އެއްވެސް ހަމައެއްނެތި ބިދޭސީން އެތެރެކުރުމަށް ކޯޓާ ދޫކޮށްފައިވާކަމަށާއި، އެކަންކަން އިސްލާހުކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.