ޚަބަރު

އައްޑޫ ސިޓީގެ އާންމު ތަންތަނުގައި ރައްޔިތުންނަށް ދަތިވާގޮތަށް ހުރި ތަކެތި ނެގުމަށް އަންގައިފި


އައްޑޫސިޓީގެ އާންމު ތަންތަނުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެއްޗާއި، ކައުންސިލްގެ ހުއްދަ ނެތި އާންމު ތަންތަނުގައި ހަދާފައިވާ ދާއިމީ ބިނާތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ބައެއް ތަކެތި ބަހައްޓައި، ކައުންސިލްގެ ހުއްދަ ނެތި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދާއިމީ ބިނާތައް އަޅާފައިވާތީ ގިނަ ބައެއްގެ ޝަކުވާ އެކައުންސިލަށް ހުށަހެޅެމުންދާކަމަށެވެ.

އެހެންކަމުން ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވަންދެން ޢާންމު ތަންތަނަށާއި، ބަނދަރުތަކަށާއި، އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އެއްގަމު އުޅަނދުތަކާއި، ކަނޑު އުޅަނދުތަކާއި، ބާ ފްރިޖްތަކާއި އެހެނިހެން ތަކެތި 30 ދުވަސް ތެރޭގައި ނެގުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ސިޓީ ކައުންސިލުން އެތަކެތި ނަގައި 90 ދުވަހުގެ ތެރޭގައި ވެރިފަރާތުން ހަވާލު ނުވެއްޖެނަމަ، ނީލަން ކިއުމަށް ނުވަތަ ނައްތާލުމަށް ނިންމާފައިވާކަމަށެވެ. އަދި މިފަދައިން ނެގޭ އެއްޗެއް ވެރިފަރާތާ ޙަވާލުކުރެވޭނީ އެއެއްޗެއް އެތަނުން ނެގުމަށް ހިނގި ޚަރަދު ކައުންސިލަށް ދިނުމުން ކަމަށާއި، މިފަދަ ތަކެތި ނައްތާލުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް އައްޑޫސިޓީ ކައުންސިލުން ޒިންމާ ނުވާނެކަމަށް އެކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ގެންދަނީ އައްޑޫގެ މަގުތަކާއި، އާންމު އެއްވެ އުޅޭތަންތަނުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.