ޚަބަރު

ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުގެ ދަރިވަރުންނަށް އައިޖީއެމްއެޗުގައި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު


ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއެކު ޚާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ހިންގާ މިޕްރޮގްރާމްގެ މަޤުޞަދަކީ ސިއްޙީ ޚިދުމަތާއި ގުޅުންހުރި ދާއިރާތަކުގެ ތެރެއިން، ދިވެހިން އިތުރަށް ތަމްރީނުކުރަން ބޭނުންވާ ދާއިރާތަކާ ގުޅޭ މަޢުލޫމާތު އެސްކޫލްގެ ސައިންސް ސްޓްރީމް ކިޔަވާ ދަރިވަރުންނަށް ދިނުން ކަމަށެވެ. އެގޮތުން ޓެކްނިކަލް ދާއިރާތަކުން ކުރިއަށް ދެވެން ހުރި ފުރުޞަތުތައް ދަރިވަރުންނަށް އަންގައިދީ މިދާއިރާއަށް އަހުލުވެރިކުރުވާ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށް ދިނުމަކީ މި ޕްރޮގްރާމްގެ މަޤްޞަދެއްކަމަށްވެސް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބުނެއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އައިޖީއެމް ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެސްކޫލްގެ ޕްރިންސިޕަލް ސަޢީދު އަޙްމަދެވެ.

މިޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދޭނެ ދާއިރާތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، ރޭޑިއޮލޮޖީ، ނިއުރޮލޮޖީ، ޑެންޓަލް، ބަޔޯމެޑިކަލް އަދި އިލެކްޓްރިކަލް ޑިޕާޓްމަންޓުތަކުގެ އިތުރުން އޮޕަރޭޝަން ތިއޭޓަރާއި ކާޑިއޮލޮޖީ ތިއޭޓަރާއި ސްޕީޗް ތެރަޕީ ނުވަތަ އޯޑިއޯ މެޓްރީ އާއި ލެބޯޓްރީއާއި ޕަލްމޮނޮލޮޖީއާއި އިމަރޖެންސީ ރޫމާއި ރެފްރިޖަރޭޝަން ރޫމް ހިމެނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް 100 ގަޑިއިރުގެ އަމަލީ ތަޖުރިބާ ދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ސައިންސް ސްޓްރީމްގައި ކިޔަވާ ކޮންމެ ދަރިވަރަކަށްވެސް ވަނީ ހުޅުވާލާފައެވެ.