ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ 2 މީހަކަށް އަނިޔާވެއްޖެ


މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ކާރަކާއި ސައިކަލަކާއި ބައިސިކަލެއްޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ފިރިހެނަކަށާއި 54 އަހަރުގެ ފިރިހެނަކަށެވެ. މި އެކްސިޑެންޓްވި އިރު، 59 އަހަރުގެ މީހާ ދުއްވަންއިން ސައިކަލުގެ ފަހަތުގައި 8 އަހަރުގެ ކުއްޖަކުވެސް އިންކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 59 އަހަރުގެ މީހާގެ ބޮލަށް އަނިޔާވެފައިވާއިރު އޭނާގެ ވާތުގައި ރެނދު ލާފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ. އަދި 54 އަހަރުގެ މީހާއަށްވެސް އެކިވަރުގެ އަނިޔަވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައިދިޔަ ކާރެއް އެ މަގުގެ އެއްފަރާތައް ކައިރިކުރަން އުޅެނިކޮށް އެމަގުން ދުއްވާފައިދިޔަ ސައިކަލަކާއި ބައިސިކަލެއްގައި ޖެހިގެން ކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކްސިޑެންޓްތަކާއި އެކި ހާދިސާތައް ހިނގަމުންދާތީ ފުލުހުން ވަނީ އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.