ޚަބަރު

ސިފައިންނަށް ޤާނޫނާޚިލާފު އަމުރެއް ނުކުރާނަން - ރައީސް


ދިވެހި ސިފައިންނަށް ޤާނޫނާ ޚިލާފު އަމުރުތަކެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީހް ދެއްވައިފިއެވެ.

އެމަނިކުފާނު މިޔަޤީންކަން ސިފައިންނަށް ދެއްވީ، އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުމުގައި، ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށްވާންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ. މިސަރުކާރު އައީ ޤާނޫނުގެ ވެރިކަން ކުރުމަށްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ، ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފުނުވާ އެންގުންތައްކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދިވެހި ސިފައިންނަށް ޤާނޫނާ ޚިލާފު އަމުރުތަކެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބުނަނީ، ދިވެހި ސިފައިންނަކީ އެއް ފިކުރެއްގެ ވެރިބަޔަކަށް ވާންޖެހޭނެ ކަމަށް. އެއީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބުމުގެ ފިކުރު. އެއީ، ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ފިކުރު. އަދި ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުމުގެ ފިކުރު" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ސިފައިންގެ އެތެރޭގެ ކަންތައްތަކަށްވެސް އިޞްލާޙީ ބަދަލުތަކެއް އަންނަންޖެހޭކަން ފާހަގަކުރައްވައި ހުރިހާ ސިފައިންނަކީވެސް، ޒިންމާދާރުކަމާއެކު މަސައްކަތްކުރާ، އަދި ޒިންމާތަކަށް ޖަވާބުދާރީވާ ބަޔަކަށް ހެދުމަށްޓަކައި، ސިފައިންގެ ޤަވާޢިދުތަކާއި އުޞޫލުތައް އިޞްލާޙު ކުރުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ސިފައިންނަށް ދިމާވެފައިވާ ބޯހިޔާވަކިކަމުގެ މައްސަލަ ހައްލުކުރުމަށް ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް، މިހާރަށްވުރެ އަވަސްކުރުމަށްޓަކައި، ހަރުދަނާ އުސޫލޫތަކެއްގެ ތެރެއިން އެފްލެޓްތައް ނިންމުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ޚިދުމަތަށް ނުކުމެ ހުންނަ ސިފައިންގެ މީހާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ގޭގައި ތިބޭ އޭނާގެ ޢާއިލާގެ މެމްބަރުން. ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްތައްވެސް، މިހާރަށްވުރެ ހަރުދަނާކޮށް، ފަސޭހަކަމާއެކު، އަވަހަށް ޚިދުމަތް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން މިއަންނަނީ ރާވަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސިފައިންގެ ތަރައްޤީއާއި ހަށިހެޔޮކަމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ސިފައިންގެ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، އެހެން ޤައުމުތަކާ ގުޅިގެން، ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދުމުގެ މަސައްކަތްވެސް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.