ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕީއެންސީ ރަޖިސްޓްރީކުރުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 1950 ފޯމްކަން އެނގިޖެއެވެ.
ޕީއެސްއެމަށް މަޢުލޫމާތުލިބިފައިވާ ގޮތުގައި ޕީއެންސީ ރަޖިސްޓްރީކުރަން ހުށައެޅި 4000 ފޯމްގެ ތެރެއިން ސައްޙަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ 1950 ފޯމެވެ. އަދި ބާކީ ފޯމްތައް ސައްޙަ ނޫންކަމަށް ކަނޑައަޅާ އަލުން ފޯމް ހުށަހެޅުމަށް އީސީން އަންގާފައިވާކަން ވަނީ އެނގިފައިވެއެވެ.
ޕީއެންސީގެ ކައުންސިލް މެމްބަރު އަޙްމަދު ސިއްދީޤު ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީކުރަން ހުށައެޅި ފޯމްތައް ސައްޙަ ނޫންކަމަށް ބުނެ އިތުރު އެއްހާސް ފޯމް ހުށައަޅާ ދިނުމަށް އީސީން އަންގާފައިވާކަމަށެވެ. އަދި އެ އެންގުމާއި އެއްގޮތަށް އެއްހާސް ފޯމް ފޮނުވާފައިވާކަމަށްވެސް ސިއްދީޤު ވިދާޅުވިއެވެ.
ސިއްދީޤު ވިދާޅުވީ ޕީއެންސީ ރަޖިސްޓްރީކުރުމަށް ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން އެތައް ދުވަހެއްކޮށްފައި ފޯމްތައް ސައްޙަ ނޫންކަމަށް ބުނާއިރު ދާދި ފަހުން ރަޖިސްޓްރީކުރި އެހެން ޕާޓީއެއްގެ ފޯމްތައް ހުށައެޅިތާ ސައުވީސް ގަޑިއިރު ނުވަނީސްވަނީ ރަޖިސްޓްރީކޮށްދީފައެވެ. އަދި އެޕާޓީގެ ފޯމްތައް ސައްޙަކަން ބަލާފައިނުވާކަން އެނގިފައިވާކަމަށްވެސް ސިއްދީޤު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވީދާޅުވީ ދާދިފަހުން ރަޖިސްޓްރީ ކުރި ތަރޑްވޭ ޑިމޮކްރެޓިކް ޕާޓީއާއި ލޭބާ ޕާޓީ ރަޖިސްޓްރީކުރުމަށް ހުށައެޅުމުންވެސް ފޯމްތަކުގައ ދިމާވި މައްސަލަތައް ހައްލުކުރުމަށް ދެ ފަހަރެއްގެ މަތިން ފުރުޞަތު ދިންކަމަށެވެ.
ޕީއެންސީ ރަޖިސްޓްރީކުރުމަށް މެމްބަރުން ހަމަކުރުމަށް އެޕާޓީ އުފައްދަން އެދި ހުށައެޅި އަބްދުއްރަޙީމަށް އިލެކްޝަނަސް ކޮމިޝަނުން ހުއްދަދީފައިވަނީ މިދިޔަ މަހުގެ 27 ވަނަދުވަހުއެވެ. އަދި ސައްވިސް ގަޑިއރު ނުވަނީސް 3000 ވުރެ ގިނަ މީހުން ސޮއިކުރިކަމަށް ޕީއެންސީ ބުނިނަމަވެސް 4000 ފޯމް އިލެކްޝަންސް އަށް ހުށައަޅާފައިވަނީ އޭގެ 9 ޖެނުއަރީ 2019 ގައެވެ.