ޚަބަރު

ތުލުސްދޫ ގެސްޓްހައުސްތަކުގެ ވެރިންނާއި މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


ކ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން އެރަށު ސްޓްހައުސްތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
މިމަހުގެ 20 ން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ތުލުސްދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދެމުންދާ ހުރިހާ ގެސްޓް ހައުސްތަކުގެ އިސްވެރިންނަށާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އެތަންތަނަށް ޒިޔާރަތްކޮށް ކުއްލި ހާލަތެއް ނުވަތަ ހާދިސާއެއް ދިމާވެއްޖެނަމަ ސަމާލުކަންދޭޖެހޭ ކަންތައްތަކާއި އަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތުދީފައެވެ. އަދި އަގުބޮޑެތި ތަކެތި ރައްކާތެރިކުރުމާއި ގެސްޓް ހައުސްތަކުގައި ސީސީޓީ ހަރުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމަށް މީހުން ބޭއްތިބުމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ގެސްޓް ހައުސްތަކުގެ ވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އެރަށުގައި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށްވެސް ވަނީ މައުލޫމާތު ދީފައެވެ. މި ޕްރޮގްރާމް ކ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.