ޚަބަރު

މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފިތައް މަދުކުރުމަށް މީހުން ތަމްރީނުކޮށްފި


މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ތަންފީޒުކުރުމަށްޓަކައި އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބ. އަތޮޅުގައި ހިންގައިފިއެވެ.

މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ފްރޮގްރާމް ގަވާއިދުން ހިންގުމަށްޓަކައި އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ބ. އަތޮޅު އޭދަފުށީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް ސިއްޙީ ދާއިރާގެ މުވައްޒަފުން އިސް ދައުރެއް އަދާކުރަންޖެހޭކަމަށެވެ. މިކަމަށްޓަކައި ތަމްރީނު ކުރި މީހުން މިކަމުގައި އިސްދައުރެއް އަދާކޮށް ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު ވިދާޅުވީ އާންމު ރައްޔިތުންގެ ސިއްޙަތާ ގުޅުންހުރި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވަނީ ޓްރެއިނިންގ ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައެވެ.