އޮމާން ބަލިކޮށް އޭ.އެފް.ސީ އޭޝިއަން ކަޕްގެ ކުއާޓަރ ފައިނަލުން އިރާން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި އޮމާން އާއި އިރާން ބައްދަލުކުރި މިމެޗު އިރާން ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ.
މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އޮމާންއަށެވެ. އެއީ މެޗުގެ ފުރަތަމަ މިނެޓުގައި އިރާންގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެން އޮމާންއަށް ލިބުނު ޕެނަލްޓީއެވެ.
އެހެންނަމަވެސް އޮމާންގެ ކެޕްޓަން އަހުމަދު އަލް މަހައިޖިރީ ފޮނުވާލި ޕެނަލްޓީ ދިފާއުކުރީ އިރާންގެ ކީޕަރެވެ. އިރާންގެ ފުރަތަމަ ލަނޑު މެޗުގެ ތިރީސް ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަލީ ރިޒާ ޖަހަންބަކްޝްއެވެ. އިރާންގެ ދެވަނަ ލަނޑަކީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޝްޙާން ދެޖާއެވެ.
ޕޯޗުގަލްގެ ކާލޯސް ކީރޯޒް ކޯޗުކޮށްދޭ އިރާން މުބާރާތުގެ ކުއާޓަރ ފައިނަލްގައި މިއަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ އިޓަލީގެ މާސެލޯ ލިޕީ ކޯޗުކޮށްދެމުންދާ ޗައިނާ އާއި ދެކޮޅަށެވެ.