ލާޒިއޯގެ މައްޗަށް ކުރި ހޯދާ ނަޕޮލީއިން އިޓަލިއަން ލީގުގައި އެންމެ ކުރީގައި އޮތް ޔުވެންޓަސް އާއި ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފި އެވެ.
އިޓާލައިން ލީގުގައި ރޭ ނަޕޮލީ އާއި ލާޒިއޯ ބައްދަލުކުރި މެޗު ނަޕޮލީ ކާމިޔާބުކުރީ ދޭއް އެކަކުން ނެވެ.
ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ނަޕޮލީ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސްޕެއިން މިޑްފިލްޑަރ ހޯޒޭ ކަޔެހޯން އެވެ. ކަޔެހޯންގެ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ނަޕޮލީއިން ވަނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްފައެވެ. މިލަނޑު އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ފޯވާޑް އެރެކް މިލިކް އެވެ. ދެވަނަ ހާފްގައިވެސް ދެޓީމަށްވެސް ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ.
އަދި ދެޓީމުގެ ފަރާތުންވެސް އެޓޭކިންގ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލާޒިއޯއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފަސްދޮޅަށް ފަސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިޓަލީ ފޯވާޑް ޗިރޯ އިމޯބިލޭ އެވެ.
އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ލާޒިއޯ ޓީމަށް ހުއްޓުން އައީ އެޓީމްގެ ފްރެންސެސްކޯ އެކާބީއަށް ދެ ރީނދޫ ކާޑް ހަމަވެ ކުޅުންތެރިއެއް މަދުވި ހިސާބުންނެވެ.
މިއީ ނަޕޮލީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފަސް ވަނަ މެޗެވެ. ނަޕޮލީ އަތުން ބަލިވި ލާޒިއޯ ލީގުގެ ދެން ބައްދަލުކުރާނީ އެއްވަނާގައި އޮތް ޔުވެންޓަސް އާއެވެ.