ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން ޗެންޕިއަން ރޮޖަރ ފެޑެރަރ ކަޓައިފި


މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން އެންމެ ފަހުގެ ޗެމްޕިއަން ރޮޖަރ ފެޑެރަރ ކަޓައިފި އެވެ.

އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުން ފެޑެރަރ ކަޓުވާލީ މުބާރާތުގެ ހަތަރު ވަނަ ބުރުގައި ގްރީސްގެ ޒުވާން ކުޅުންތެރިއާ ސްޓެފަނޮސް ސިސިޕާސްއެވެ. ތިން ގަޑި އިރާ ސާޅީސް ފަސް މިނެޓަށް ދިގުދެމިގެންދިޔަ މިމެޗު ސިސިޕާސް ކާމިޔާބުކުރީ ހައެއް ހަތެއް، ހަތެއް ހައެއް، ހަތެއް ފަހެއް، ހަތެއް ހައަކުން ނެވެ.

އުމުރުން އެންމެ ވިހި އަހަރުގެ ސިސިޕާސް އަކީ މިހާރު ޓެނިހުގައި އެންމެ ބާރުސްޕީޑްގައި ކުރިއަރަމުން އަންނަ އެއް ކުޅުންތެރިއާ އެވެ. އަދި އޭނާ ވެގެންގޮސްފައިވަނީ މިހާތަނަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި ގްރީސްގެ ފުރަތަމަ ކުޅުންތެރިއާށެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލްގައި ސިސިޕާސް ބައްދަލުކުރާނީ މުބާރާތުގެ ފުރަތަމަ ބުރުން އެންޑީ މަރީ ކަޓުވާލި ރޮބާޓޯ ބައުޓިސްޓާ އާއި އެވެ