ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ނެއިބަރހުޑް ސަޕޯޓު އޮފިސަރުން، ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މިފޯރަމް އޮންނާނީ މިމަހުގެ 22ވާ އަންގާރަ ދުވަހުގެ 20:30ން 23:00ށް އިސްކަންދަރު ބިލްޑިން ގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާ ގުޅުންހުރި ވަޢުދުތަކުގެ ތެރެއިން، ފުލުހުންގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމާއި، މުޖްތަމަޢުގެ އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުމަށްޓަކައި ނެއިބަރހުޑް ސަޕޯޓު އޮފިސަރުން، އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ޖެނުއަރީ 13ވަނަ ދުވަހުވެސްވަނީ ފޯރަމެއް ބާއްވާފައެވެ. މިފޯރަމަށް އިސްރަށްވެހިންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށް ފުލުހުން ބުނެއެވެ.