ޚަބަރު

އަމާޒަކީ ކޯލިޝަން ދަމަހައްޓާ މަޖިލީހުގެ އަޣްލަބިއްޔަތު ހޯދާދިނުން - އަދާލަތު


އަމާޒަކީ ކޯލިޝަން ވެރިކަން ދަމަހައްޓާ ސަރުކާރަށް މަޖިލީހުގެ އަޣްލަބިއްޔަތު ހޯދާދިނުންކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. އަދާލަތު މިހެން ބުނެފައިމިވަނީ ސަރުކާރު ކޯލިޝަންގައި ހިޔާލު ތަފާތުވުން އުފެދި އަންނަ މަޖލިސް އިންތިޙާބުގައި އެމްޑީޕީ ނުލާ އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހަދަން ތައްޔާރަށް އޮތްކަމަށް ޖުމްހޫރީ ޕާޓުން ބުނެފައިވަނިކޮށެވެ.

އަދާލަތު ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ޕާޓީ ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓާ ސަރުކާރަށް އަޣްލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިހާބުކުރުމަކީ އަދާލަތު ޕާޓީގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމު ހަމަޖެހުމަށް އިސްކަންދީގެން ކުރިޔަށް ދިއުމަކީ އަދާލަތު ޕާޓީގެ ވިސްނުންކަމަށްވެސް އެޕާޓީން ބުނެއެވެ.

އަދާލަތުން މިހެން ބުނެފައިވާއިރު ޕާޓީގެ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތު އިސްކުރުމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެސް މިއަދު ވަނީ ގޮވާލައްވައިފައެވެ. ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތަރު ޕާޓީ ގުޅިގެން ކޯލިޝަން އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ޤާއިމުކޮށް ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމަށްކަމަށެވެ. އެހެންކަމުން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުންވެސް ޕާޓީގެ މަސްލަހަތަށްވުރެ ޤައުމީ މަސްލަހަތު އިސްކުރުމަށް މައުމޫން ވަނީ ގޮވާލައްވާފައެވެ.

ކޯލިޝަން ވަރުގަދަކޮށް ރޫޅަނަ ނުދީ ދެމެހެއްޓުމަކީ ކޯލިޝަންގައި ހިމެނޭ އެންމެންގެވެސް ވާޖިބެއްކަމަށެވެ. އަދި އެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ހަތަރު ލީޑަރުންގެ މަސްއޫއްލިޔަތު ވަރަށް ބޮޑުކަމަށްވެސް މައުމޫން ވަނީ ވިދާޅުވިއެވެ