ޚަބަރު

ޚިޔާނަތްވި ފައިސާގެ އަދަދު 4.9 މިލިއަނަށް އަރާ އެއީ ބޭންކްގެ ފައިސާ


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެތޭރެ ބޮޑުު ޚިޔާނާތުގައި އެތަނުގެ މުވައްޒަފަކު 4.9 މިލިއަނެއްހާ ރުފިޔާ ޚިޔާނާތްތެރިވެފައިވާކަމަސް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މުވައްޒަފު ޚިޔާނާތްތެރިވެފައިވަނީ އެ ބޭންކަށް ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާއަށް ނޫންކަމަށެވެ. އަދި އެ މުވައްޒަފު ބޭނުންކޮށްފައިވާ 4.9 މިލިއަނެއްހާ ރުފިޔާއަކީ ބޭންކްގެ ފައިސާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މި މައްސަލައިގައި ހިމެނޭ މުވައްޒަފު އޮފީހުން ސަސްޕެންޑްކޮށްފައިވާކަން ވަނީ އެނގިފައެވެ.

އެ ބޭންކުން ކުރި އިންޓަރނަލް އޮޑިޓުން ކުރި ތަހްގީގުން ދައްކާގޮތުގައި ބޭންކުގެ މުވައްޒަފަކު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އިންޓަރނަލް އެކައުންޓްތަކުގެ މުޢާމަލާތް ކުރުމަށް އޭނާ އަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަފައިވާކަމަށެވެ. އަދި މީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިކަން އިތުރަށް ތަހްގީގުކުރުމަށާއި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް ހުށަހަޅާފައިވާކަމަށްވެސް އެ ބީއެމްއުލްއިން ބުނެއެވެ.

ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށްޓަކައި ހަރުދަނާ ޤަވައިދުތަކާއި އުސޫލުތަކުގެ އިތުރުން އިންޓަރނަލް ކޮންޓްރޯލްތައް ބޭންކް އޮފް މޯލްޑިވްސްގައި ވަނީ ގާއިމްކުރެވިފައިވާކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފުކަމެއްކޮށްފިނަމަ ތަހްޤީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުޤީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.