ޚަބަރު

ޕީޕީއެމްގެ މައްސަލަ ސިވިލްކޯޓުން ބެލުމާއި މެދު ގޮތެއް ނިންމަނީ


ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ހަވާލުކުރުމަށް ހުށައެޅި މައްސަލަ ސިވިލްކޯޓަށް ބެލޭނެތޯ ކަނޑައެޅުމަށް ސުޕްރީމްކޯޓުން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ. ފީފީއެމްގެ ހިނގުން މައުމޫނާއި ހަވާލުކުރުމަށް އެދި އެޕާޓީގެ އާއްމު ދެ މެމްބަރުން ހުށައެޅީ ސިވިލްކޯޓަށެވެ. އެހެންމަމަވެސް އެ މައްސަލަ ސިވިލްކޯޓަށް ނުބެލޭނެކަމަށް ބުނެ ޕީޕީއެމުން ޝަކުވާ ހުށައެޅުމުން އެ މައްސަލައިގެ ފައިލްތައް ވަނީ ސުޕްރީމްކޯޓަށް ގެންގޮސްފައެވެ.

މި މައްސަލަ ސިވްލްކޯޓްގައި ބެލޭނެތޯ ކަނއެޅުމަށް ބޭއްވި އިޖްރާއީ އަޑުއެހުންތަކުގެ ސުޕްރީމްކޯޓްގައި މިއަދު ފެށިއިރު އެ މައްސަލައިގެ ތެރެއަށް ކުރީގެ ރައީސް މައުމޫންގެ ފަރާތްޕުޅުންވެސް ވަނީ ތަދައްހުއްލުވެފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރައްވަމުން ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ވަކީލް އިބްރާހިމް ރިޒާ ވިދާޅުވީ ޕީޕީއެމްގެ ހިންގާނެ ފަރާތެއް ކަނޑައެޅުމަށް ސިވިލްކޯޓަށް ހުށައެޅި މައްސަލާގައި ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރުމަށް ސިވިލްކޯޓުން ވަނީ ނިންމާފައެވެ. އަދި އެ ނިންމުމަށް ހައިކޯޓާއި ސުޕްރީމްކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. އެހެންކަމުން މި މައްސަލަ އަލުން ނުބެލޭނެކަމަށް ރިޒާ ވިދާޅުވިއެވެ. އަދި ޕީޕީއެމުން ކުރީގެ ރައީސް މައުމޫން ވަކިކޮށްފައިވާތީ ޕާޓީގެ ހިންގުން މައުމޫނާއި ހަވާލުކުރާނެ ޖާގައެއްނެތް ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

މި މައްސަލާގައި މައުމޫންގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން އެމަނިކުފާނުގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ސިވިލްކޯޓުން މީގެކުރިން ނިންމާފައިވާ މައްސަލަ އާއި މިހާރު ހިގަމުންދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށެވެ. މިގޮތުން ސިވިލްކޯޓުން ޕާޓީ ހިންގުން ޕީޕީއެމްގެ މުޝްތަޝާރާއި ހަވާލުކުރި ނަމަވެސް އިންތިހާބުން ރައީސް ޔާމީން ބަލިވެޑައިގަތުމުން ޕީޕީއެމްގެ މުޝްތަޝާރެއް ނެތްކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި މައުމޫން ޕާޓީން ވަކިކުރަން ކައުންސިލުން ނިންމި އިރު އެ ބާރު އަސާސީ ޤަވައިދުން ކައުންސިލަށް ލިބިގެން ނުވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މައުމޫންގެ ވަކީލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ޕީޕީއެމްގެ ވަކީލް ރިޒާ ވިދާޅުވީ މައުމޫން ޕާޓީން ވަކިކުރުމުން އެ މައްސަލަ އެމަނިކުފާނު އިސްތިއުނާފުކުރައްވާފައި ނުވާކަމަށެވެ. އެހެންނަމަވެސް މައުމޫންގެ ވަކީލް ވިދާޅުވީ ޕާޓީން ވަކިކުރިކަން މައުމޫނަށް ރަސްމީކޮށް އަންގާފައިނުވާކަމަށާއި އެކަން އެމަނިކުފާނަށް އެނގިވަޑައިގަތީ މީޑިއާތަކުންކަމަށެވެ. އަދި މައްސަލައިގެ ބާވަތުން އެ މައްސަލަ ސިވިލްކޯޓަށް ނުފޮނުވާ އަވަސް މައްސަލައެއް ގޮތުގައި ސުޕްރީމްކޯޓުން އެ މައްސަލަ ބައްލަވާ ގޮތެއް ކަނޑައަޅާދެއްވުމަށްވެސް މައުމޫންގެ ވަކީލް އެދިވަޑައިގަތެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވީ މައްސަލައިގައި އިޖްރާއީ ގޮތުން ނިންމަވާ ނިންމެވުމުން ދެ ފަރާތައް އަންގަވާނެކަމަށެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.