ޚަބަރު

ސްރީލަންކާގެ ޕޯޓް ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި


ސްރީ ލަންކާގެ ޕޯޓް ސިޓީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޢިމާރާތްތައް އެޅުމަށް ބޭނުންކުރާނޭ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފއެވެ. ޗައިނާގެ އެހީގައި ކުރިއަށްގެންދާ މި މަސައްކަތް ނިންމާލާފައިވާކަން ބުދަ ދުވަހު، ލަންކާ ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

ޕޯޓް ސިޓީ ތަރައްޤީކުރުމުގެ އެކެއް ޕޮއިންޓް ހަތަރެއް ބިލިއަން ޑޮލަރުގެ މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ ސީސީސީސީންނެވެ. އަދި މި ސިޓީ ވެގެންދާނީ ޗައިނާއިން ކުރިއަށްގެންދާ ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެ ދަށުން ޒަމާނީ ސިލްކް ރޫޓެއް ޤާއިމުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނޭ ބަނދަރަކަށް ކަމަށް، ޗައިނާއިން ދައުވާކުރެއެވެ.

މި މަޝްރޫޢުގެ ދަށުން ފަސްދޮޅަސް ފަންގިފިލާގެ ތިން ޓަވަރު، ޕޯތް ސިޓީން ހިއްކި ބިމުގައި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިމުއަޑީގެ މަގުތަކެއް އެކުލެވޭ ވިއުގައެއް ބިނާކުރުމަށް، ސީސީސީސީން އިތުރު އަށް ސަތޭކަ މިލިޔަން ޑޮލަރު އިންވެސްޓްކުރަން ވަނީ ނިންމާފައެވެ.

ޗައިނާ އާއި ލަންކާއިން ޤަބޫލުކުރަނީ މި މަޝްރޫޢު ފުރިހަމަ ވުމަށް ފަހު، ކުރިއަށް އޮތް ވިހި އަހަރު ދުވަހުގެ ތެރޭގައި، އެ ސަރަޙައްދަށް އިތުރު ތޭރަ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް، އެކި ފަރާތްތަކުން އަމާޒުކުރާނޭކަމަށެވެ.