ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިކުރުމަށް ކުރަމުންދާ މަސައްކަތަކަތުގައި ދެން ކުރިއަށްދާނޭ ގޮތެއް ހޯދުމަށް، އަމިއްލަ މަސްލަޙަތު އެއްފަރާތްކޮށް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެއްގަލަކަށް އަރަންޖެހޭކަމަށް ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.
މޭ މިހެން ވިދާޅުވެފައިމިވަނީ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި އެކަމަނާ އާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގައި، އެންމެ ނަވާރަ ވޯޓުގެ ތަފާތަކުން ކާމިޔާބު ހޯއްދެވުމަށްފަހު ޑޯނިންގް ސްޓްރީޓްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުންނެވެ.
މޭ ވިދާޅުވީ، 2016 ވަނަ އަހަރުގެ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ވަނީ، އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކި ކުރުމަށް އެ ޤައުމަށް އިރުޝާދުދީފައިކަމަށާއި، އެކަން އެގޮތަށް ތަންފީޒުކުރުމަކީ ބޮޑު ވަޒީރުގެ ހައިސިއްޔަތުން، އެކަމަނާއާ ހަވާލުކުރެވިފައިވާ ޒިންމާއެއް ކަމުގައި ޤަބޫލުފުޅުކުރައްވާކަމަށެވެ.
އަންގާރަ ދުވަހު ޤާނޫނު ހަދާ މަޖިލީހުން ވަނީ، މިއަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށްފަހު، ދެން އެ ޤައުމާއި ވިލާތުގެ އިއްތިހާދުގެ މެމްބަރުންނާ މެދު އެކި ދާއިރާތަކުން މުއާމަލާތުތައް ކުރާނޭ ގޮތާމެދު އެކުލަވާލި އެއްބަސްވުން ފާސްކުރަން ދެކޮޅުހަދާފައެވެ.