ޚަބަރު

ޤާސިމްގެ ބަހުގެ ހަމަލާތަކެއް ނަޝީދަށް


ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދޭންޖެހޭކަމަށް ބުނެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ގާސިމް އިބްރާހިމް ރައްދުދެއްވާ ނަޝީދަށް ބަހުގެ ހަމާލާތަކެއް ދެއްވައިފިއެވެ. ކުރީގެ އެކްޓިން ކޮމިޝަނަރ އަބްދުﷲ ނަވާޒު ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ރޭ ބާއްވީ ހަފްލާގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ މަޖިލިސް ކެމްޕެއިންގައި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރައްދުދެއްވާފައެވެ.

ނަޝީދުގެ ނަންފުޅު ވިދާޅުނުވެ ނަޝީދަށް ރައްދުވާގޮތަށް ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ވަކި ޕާޓީއަކަށް މެޖޯރިޓީ ނުލިބިއްޖެއްޔާ ސަރުކާރެ ނޯނާނެއޭ ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. ހިތްޕުޅު ހަމަނުޖެހިވަޑައިގެން ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ 2008 ވަނަ އަހަރު ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން ކަންކުރެއްވި ގޮތް ފެނިވަޑައިގަންނަވާކަމަށެވެ. އަދި އެ ފަހަރު ރަގަޅަށް ކަމެއް ކުރެވުނު ނަމަ އެކަމުގެ 50 ޕަސެންޓް ހިއްސާވަނީ ޖުމްހޫރީ ޕާޓީކަމަށާއި އެމްޑީޕީއަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ގައުމެއް ނޯންނާނެކަމަށް ވިދާޅުވެ ވާހަކަފުޅޫ ދައްކާތީ އެކަމާއި ހައިރާވެވަޑައިގަންނަވާކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

މަހުޖަނުންގެ އަތުން ޤައުމު ސަލާމަތްކުރަންޖެހޭކަމަށް ވިދާޅުވެ ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަށް ރައްދުދެއްވަމުން ޤާސިމް ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރަން ޖެހުމުން މަހުޖަނުންގެ ބޭނުންޖެހޭކަމަށެވެ. ޤާސިމް ވިދާޅުވީ ވެރިކަން ލިބުމުން މިހާރު ހުރިހާ މަހުޖަނުން ގޯސްވެފައިވާކަމަށެވެ. އަދި ހިދުމަތުގައި ތިބި މީހުންނަށް ފާޑުކިޔުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

" މި ގައުމުގައި އެއްވެސް ތަކުލީފެއް، އެއްވެސް ކަހަލަ ޒިންމާއެއް އަދާކުރަން ނުޖެހޭ. ދަރިން ލިބިފައި އެ ކުދިންގެ ކަންކަން ވެސް ކޮށްދޭން ނުޖެހޭ މީހުންނަށްތޯ މި ގައުމުގެ ޒިންމާ ހަވާލު ކުރަން ޖެހެނީ. "މަހުޖަނުންނޭ. ވިޔަފާރިވެރިންނޭ. އޭއްޗެކޭ މީއްޗެކޭ. ރައްޔިތުންގެ މަޖިލީހަކީ މަގުމަތީގައި ކުނިކަހަން އޮންނަ ތަނެއް ދޮރެއް ނުދަންނަ ގާނޫނީ ހައިސިއްޔަތެއް ނެތް، ޒިންމާއެއް މަސްއޫލިޔަތެއް ނެތް މީހަކުތޯއޭ އެ ތަނަށް ވަންނަން ޖެހޭނީ. މީހަކު ބުނީމަ ބަޓަނަށް އޮބާ މީހަކު ތޯ އެތަނަށް ވަންނަން ޖެހޭނީ. ނޫން " ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މި ސަރުކާރަކީ ހަތަރު ޕާޓީގެ މަސައްކަތުން ގެނައި ސަރުކާރެއްކަމަށެވެ. އަދި މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވަމުން ގެންދަވާތީ އެމަނިކުފާނަށް ސެލިއުޓްކުރައްވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އަދި ކޯލިޝަންގެ ކަންކަން އަދުލުވެރިކޮށް ގެންދަވާ ހިނދަކު ރައީސް ސާލިހްއާއެކު ހުންނަވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

އަންނަ ރައްޔިތުން މަޖްލީހުގެ އިންތިހާބުގައި ހުރިހާ ދައިރާއަކަށް ވާދަކުރާނެކަން އެމްޑީޕީން އިއުލާންކުރުމުން ކޯލިޝަންގެ ތެރޭގައިވަނީ ކޮންމެވެސް ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. މަޖްލީހުގެ އިންތިހާބަށް ނުކުތުމަށް ވަކި އެއްބަސްވުމެއް ކޯލިޝަން ތެރޭގައި އެކުލަވާލާފައިވީނަމަވެސް އެ އެއްބަސްވުން ހާމަކޮށްފައިނުވާއިރު ކޯލިޝަންގއި ހިމެނޭ ހުރިހާ ޕާޓީއަކުން ވަނީ އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ފުރުސަތު ހުޅުވާލާފައެވެ.