ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޔޫ.އޭ.އީއާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިވެހިރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަބޫދާބީގައި ހުންނަ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ. ޙުސައިން ރަޝީދު ޙަސަން. އަދި ޔޫ.އޭ.އީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް، ޑރ. ޡާނީ އަލް ޒަޔޫދީއެވެ.

މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދެ ޤައުމު ދެމެދު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މަޢުލޫމާތު ހިއްސާކުރެވިގެންދާނެކަމަށް ފޮރިން މިނސިްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މި އެއްބަސްވުމަކީ ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ގުޅުމަށް ލިބުނު އިތުރު ފުރިހަމަކަމެއްގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރުގެ އެއް އަމާޒުކަމުގައިވާ ދެމެހެއްޓެނިވި ކުރިމަގަކަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ޔޫ.އޭ.އީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ. ރައީސް ސާލިޙްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ.ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގަންނަވައެވެ.