ކުޅިވަރު

ގިނަދުވަސްވީ ކޯޗު ނިޒާމްގެ ކޮންޓްރެކްޓް އާނުކުރަން ޓީ.ސީއިން ނިންމުން


ޓީސީ ސްޕޯޓްސްއަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު މުހައްމަދު ނިޒާމްގެ ކޮންޓްރެކްޓް އާނުކުރަން ޓީ.ސީ ސްޕޯޓްސްއިން ނިންމައިފިއެވެ.

ނިމިގެންދިޔަ ސީޒަންގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި ނިޒާމްގެ ކޮންޓްރެކްޓް އާނުކުރަން ކްލަބުން ނިންމާފައިވަނީ ދެފަރާތުން އެދެވޭ އެއްބަސްވުމަކަށް ނާދެވުމުންކަމަށް ޓީ.ސީއިން ހާމަކުރެއެވެ.

ޕީ.އެސް.އެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ނިޒާމް ބުނީ އޭނާއަށް މަގާމުން ވަކިކުރިކަން އަދި ނޭންގޭ ކަމަށާއި އެކްލަބުން ނިޒާމްއަށް ވަކި އެއްޗެއް އަންގާފައި ނުވާކަމަށެވެ.
ޓީ.ސީ ސްޕޯޓްސްގެ ކޯޗުގެ މަގާމުން ނިޒާމް ކުރިއަށް އޮތް ސީޒަންގައި ނުފެންނާނެކަން މިއަދު އިއުލާންކުރިއިރު ކްލަބުން މިހާރު އިތުރު ފަރާތަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށްވެސް ޓީ.ސީއިން ބުންޏެވެ.

ޓީ.ސީ ސްޕޯޓްސް ކްލަބްގެ ފައުންޑާ މެމްބަރު އަހުމަދު ނާޝިދް (ޑޭވް) ބުނީ އެންމެ ފުރަތަމަ އެކްލަބުން ކުރިއަށް އޮތް ސީޒަނަށް ކޯޗެއް ހޯދުމަށް ކުރި މަސައްކަތުގައި ވާހަކަ ދެއްކީ އިހުސާން އަބްދުލް ޢަނީ (ސާންތި) އާއި ކަމަށާއި އެހެންނަމަވެސް ސާންތިއަށް އެފް.އޭ.އެމްގެ މަގާމެއްގައި ހުރުމުގެ ސަބަބުން ކްލަބް ފުޓްބޯޅައަށް ވަގުތު ނުދެވޭނެކަމަށް ބުނިކަމަށެވެ.

ދެން ވާހަކަ ދެއްކީ އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް މޯހަން އާއިކަމަށާއި އެހެންނަމަވެސް މޯހަން މިހާރުވެސް އީގަލްސް އާއެކު އެއްބަސްވުމަކަށް އައިސްފައިވުމުން، އިތުރު ފަރާތަކާވެސް ވާހަކަ ދައްކާ މިހާރު އެއްބަސްވުމަކާ ހަމަޔަށް އާދެވިފައިވާ ކަމަށްވެސް ޑޭވް ބުންޏެވެ.

ޓީ.ސީއިން ބުނީ އެއީ ކޮންފަރާތެއްކަން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.

ޑޭވް ބުނީ ކުޅުންތެރިންގެ ކޮންޓްރެކްޓްތައްވެސް އާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޑޭވް އިތުރަށް ބުނީ ކުރިއަށް އޮތް ސީޒަނާވެސް ޓީ.ސީ ކުރިމަތިލާނީ ވަރުގަދަކޮށް ކަމަށާއި އަމާޒަކީ ލީގު ޗެމްޕިއަންކަން ހޯދުން ކަމަށެވެ.