ޚަބަރު

ހެލްތް މިނިސްޓްރީ ތެރެއަށް މަދިރިބޭސް ލީކުވެގެން ސިފައިން ހަރަކާތްތެރި ވެއްޖެ


ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގ ތެރެއަށް މަދިރިބޭސް ލީކު ވެގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ރޯޝަނީ ބިލްޑިންގ ވައިގޮޅިތެރޭގައިހުރި މަދިރިބޭސް ފުޅިތަކެއް އިމާރާތުގެ އެތެރެއަށް ލީކުވުމާ ގުޅިގެން އެ އިމާރާތުގައި މަސައްކަތްކުރާ އަންހެން 2 މުވައްޒަފަކު ހޭނެތިގެން ހޮސްޕިޓަލްގައި ފަރުވާދީފައިވާކަމަށެވެ. އަދި އެ ޢިމާރާތަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުންގޮސް ލީކުވަމުންދިޔަ ފުޅިތައް ސީލްކޮށް ލީކްވުން ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މަދިރި ބޭސްހުރި 40 ފުޅި ސީލްކޮށްފައިވާކަމަށާއި، މީގެތެރެއިން ލީކްވެފައިވަނީ 1 ފުޅިކަމަށެވެ. މި މަދިރި ބޭސް ފުޅިތަކަކީ މުއްދަތު ހަމަވެގެން ނައްތާލުމަށް އެ އިމާރާތުގެ ތިރިއަށް ނެރެފައިވާ ފުޅިތަކެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ފުޅިތައް ނައްތާލުމަށް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ސިފައިން މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން، ހެލްތް މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ގިނައިރު މަޑު ނުކުރުމަށާއި އެސަރަހައްދުގައި ހުރި ގެތަކުގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ. އަދި ލީކުވި ކެމިކަލްގެ ވަހުގެ ސަބަބުން ނޭވާ ލާން އުނދަގޫވުމާއި ހޮޑުލުމާއި ބޯއެނބުރުންފަދަ ކަމެއް ދިމާވާނަމަ ވީ އެންމެ އަވަހަކަށް ފަރުވާ ހޯދުމަށްވެސް އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާގުޅިގެން ގުޅިގެން ރޯޝަނީ ބިލްޑިންގ ކައިރީގައި ހުންނަ މަޖީދިއްޔާ ސްކޫލްގެ ކިޔެވުން މެދުކަނޑާލައި ސްކޫލް އިމާރާތް ހުސްކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ދޮގު މައުލޫމާތެއްކަމަށް އެސްކޫލުން ބުނެއެވެ.

ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އޮފީސްވެސް ހުރެއެވެ.