ކުޅިވަރު

ސާފް ގޭމްސްއަށް އަންހެން ކްރިކެޓް ޓީމެއް ދާނެ - އަފްލާހް


މިއަހަރު އޮންނަ ސާފް ގޭމްސްގައި ރާއްޖޭގެ އަންހެން ކްރިކެޓް ޓީމްއެއް ބައިވެރިކުރުމަށް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސުން ބުނެފިއެވެ.

ޕީއެސްއެމުން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާޙު ވިދާޅުވީ ރާއްޖޭގައި އަންހެން ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާކަމަށެވެ.
ކްރިކެޓަކީ މިހާރު އަންހެން ކުދިންނަށް މިސަރަހައްދުގައި އާމްދަނީ ހޯދުމަށްވެސް ކުޅެވިދާނެ ކުޅިވަރެއްކަމަށް އަފްލާޙު ވިދާޅުވިއެވެ. މިއަހަރުގެ ސާފް ގޭމްސްގައި ކްރިކެޓް ހިމެނިފައި އޮތުމުން ރާއްޖޭގައި ކްރިކެޓް ކުޅެމުންދާ އަންހެންކުދިން އެމުބާރާތުގައި ކުޅުމަށް ވަރަށް ބޮޑަށް ބޭނުންވާކަން ބުނަމުންދާކަމަށްވެސް އަފްލާޙު ވިދާޅުވިއެވެ. އަދި ފުވައްމުލަކު އާއި ކުނަހަންދޫގައި ކްރިކެޓް ކުޅެމުންދާ އަންހެންކުދިން މުބާރާތަށް ތައްޔާރުވާން މިހާރުވެސް ފަށާފައިވާކަން އަފްލާޙު ފާހަގަކުރެއްވިއެވެ.

"މިކަމަށްވެސް ކުޅުންތެރިން ވަރަށް ބޮޑަށް އެބަތައްޔާރުވޭ. މިއީވެސް އަޅުގަނޑުމެންނަށް އަންހެން ކްރިކެޓް ކުރިއެރުވުމަށް ލިބުނު ވަރަށް ރަގަނޅު ފުރުސަތެއް. މުޅިން އާ ދޮރެއް ހުޅުވިގެން މިދިޔައީ. މިއީ ވަރަށް ޗެލްންޖިން ޓާސްކްއެއް. އަޅުގަނޑު ބޭނުންވަނީ ގައުމީ އަންހެން ކްރިކެޓް ޓީމްއެއް އެކުލަވާލައި ރަގަނޅަށް ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށްފަހު ރާއްޖެއިން ބޭރުގައި މުބާރާތެއް ކުޅޭތަން ބާލާލަން. މިއަހަރުގެ ސާފް ގޭމްސްގައި އެކަން ވެގެންދާނެކަމަށް އުއްމީދު މިކުރަނީ." އަފްލާހް ވިދާޅުވިއެވެ.

މިހާރުވެސް ލ.އަތޮޅު ކުނަހަންދޫ އާއި ޏ.އަތޮޅު ފުވައްމުލަކު އަދި މާލޭގައި އަންހެން ކްރިކެޓް މުބާރާތްތަށް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.