ކުޅިވަރު

ކެވިން ދެ ބްރައިނެ ބެންޗްގައި މަޑު ނުކުރި ސަބަބެއް ނޭނގެ - ގާޑިއޯލާ


އެންމެ ފަހުން ކުޅުނު މެޗަށްފަހު ކެވިން ދެ ބްރައިނެ އާއި ވާހަކަ ނުދައްކާ ކަމަށާއި އެ މެޗުގައި ބަދަލުކުރުމުން އޭނާ ބެންޗުގައި މަޑުނުކުރީ ކީއްވެ ކަމެއް ނޭންގޭ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން މެޗަކުން ބަދަލުކޮށްފިނަމަ މަޑުކުރަން ޖެހޭނީ ބެންޗުގައެވެ. އެއީ އަނިޔާގެ މައްސަލައެއް ދިމާނުވާކަމުގައި ވާނަމައެވެ.
އެންމެ ފަހުން ލީގް ކަޕްގެ ސެމީފައިނަލްގައި ސިޓީ ނުވައެއް ސުމަކުން ބާޓަން އަތުން މޮޅުވި މެޗުގައި ދެ ބްރައިނެ ބަދަލުކުރުމުން އޭނާ ބެންޗުގައި މަޑުނުކޮށް ދިޔައީ ޗޭންޖިންގ ރޫމަށެވެ.
އިނގިރޭސި މީޑިއާތަކުން ބުނެފައިވަނީ މިއީ ދެ ބްރައިނެ ހިތްހަމަ ނުޖެހިގެން ކުރިކަމެއް ކަމުގައެވެ. މިކަމާ ސުވާލުކުރުމުން ގާޑިއޯލާ އޭރު ބުނީ އޭނާއަށް ދެ ބްރައިނެ ބެންޗުގައި މަޑު ނުކުރާކަން ނޭންގޭ ކަމަށެވެ. އެހެންނަމަވެސް މިރޭ ލީގުގައި ވޮލްވްސް އާއި ބައްދަލުކުރާ މެޗުގައި ކުރިން ނޫސްވެރިން އެސުވާލު ކުރުމުން ގާޑިއޯލާ ބުނީ އޭނާ އެކަމާ ބެހޭގޮތުން ދެ ބްރައިނެ އާއި އަދި ވާހަކަ ނުދައްކާ ކަމަށާއި ދެ ބްރެއިނެ ކަމަކާ ހިތްހަމަ ނުޖެހިފައި ހުރިނަމަ ކޮންމެ ގަޑިއަކުވެސް އައިސް އެވާހަކަ ދެއްކޭނެ ކަމަށެވެ.
ގާޑިއޯލާ ވަނީ ސިޓީއަށް ކެވިން ދެ ބްރައިނެގެ މުހިއްމު ކަމުގެ ވާހަކަ ތަކުރާރުކޮށް މިސީޒަންގައި ދައްކާފައެވެ. ބޮޑު ދެ އެންޖެރީއަށްފަހު މިހާރު ކުޅުމުގެ ތެރެއަށް އައިސްފައިވާ ދެ ބްރައިނެ ކުޅުމުގެ ތެރެއަށް ނެރެމުންދަނީ މަޑުމަޑުންނެވެ. އެއީ އޭނާއަށް އިތުރު އެންޖެރީއެއް ދިމާވެދާނެތީއެވެ.