ކުޅިވަރު

ޒުވާން ކުޅުންތެރިން އެރުވުމުން އައި ފާޑުކިޔުންތަކަށް ސޮލާރީގެ ރައްދު


ތަރިން ބެންޗަށް ލުމަށްފަހު ޒުވާން ހަތަރު ކުޅުންތެރިން އަރުވައިގެން ކުޅުމުން އައި ފާޑުކިޔުންތަކަށް ރައްދުދީ އެނިންމުން ރެއާލް މެޑްރިޑްގެ ކޯޗު ދިފާއުކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު މެޑްރިޑް ކާމިޔާބުކުރީ ދޭއް އެކަކުންނެވެ. މިމެޗުގައި ރެއާލްގެ ކޯޗު ސޮލާރީ ވަނީ ޒުވާން ހަތަރު ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. އެއީ ކްރިސްޓޯ ޕެރޭޒް، ސާޖިއޯ ރެގުއިލޮން، ފެޑެރިކޯ ވަލްވަރްދޭ އަދި ވިނީޝަސް ޖޫނިއަރ އެވެ..
މެޗަށްފަހު ސޮލާރީ ބުނީ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް އެކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭކަމަށެވެ. އެއީ ރިސްކެއް ނަމަވެސް ކުރަން ޖެހޭކަމެއް ކަމަށްވެސް ސޮލާރީ ބުންޏެވެ.

އިސްކޯ އާއި މާސެލޯ މިމެޗަށް ނުނެގީ ކީއްވެތޯ ސުވާލުކުރުމުން ސޮލާރީ ބުނީ އެއީ ޓެކްޓިކަލް ނިންމުމެއް ކަމަށާއި އެކުޅުންތެރިން ނޭރުވީ އެއްވެސް ކަހަލަ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށެވެ.

މިމެޗުގައި މެޑްރިޑްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީ ނިމިގެންދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާ ލޫކަ މޮޑްރިޗެވެ.
ދެވަނަ ހާފްގައި ބެޓިސްއަށް ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްދިނީ ކުރީގެ މެޑްރިޑް ކުޅުންތެރިއާ ސާޖިއޯ ކަނަލޭސްއެވެ. އަދި މެޑްރިޑް މެޗުން މޮޅުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ރެއާލް ބެޓިސްގެ ކުރީގެ ކުޅުންތެރިއާ ޑެނީ ސެބާޔޯސްއެވެ.