ވިޔަފާރި

ލަކީހިޔާއިން ހުޅުމާލޭގައި އަޅާ ފްލެޓްތައް ގަންނަން ހުޅުވާލައިފި


ލަކީ ހިޔާ ކޮންޑަމީނިއަމްގެ މަޝްރޫޢުގައި ހިމެނޭ ފްލެޓްތައް ވިއްކުމަށް ފޯމް ދޫކުރަން ފަށައިފިއެވެ.

ލަކީ ހިޔާ ކޮންޑަމީނިއަމްގެ މަޝްރޫޢުގައި ހިމެނޭ އެޕާޓްމަންޓްތައް ވިއްކުމާއި ފޯމް ދޫކުރުމާއި ބުކިން ހެއްދުމުގެ އިންތިޒާމްތައް މިއަދު ފަށާފައިވާއިރު، މިކަން ކުރިއަށްދަނީ މާބުލް ހޮޓަލުގައެވެ.

ލަކީ ހިޔާއިން ބުނީ މާދަމާ ރޭގެ ދިހައެއް ޖެހުމާއި ހަމަޔަށް ލަކީ ހިޔާ ކޮންޑަމީނިއަމްގެ މަޝްރޫޢުގައި ހިމެނޭ އެޕާޓްމަންޓްތައް ވިއްކުމާއި ފޯމް ދޫކުރުމާއި ބުކިން ހެއްދުމުގެ އިންތިޒާމްތައް މާބުލް ހޮޓަލުގައި ކުރިއަށްދާނޭކަމަށެވެ.

ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރާ 15 ފަންގިފިލާގެ މި އިމާރާތުގައި 22 ވައްތަރެއްގެ ފްލެޓް ހިމެނެއެވެ. އޭގެ ތެރޭގައި 1 ކޮޓަރީގެ އެޕާޓްމަންޓުން ފެށިގެން 3 ކޮޓަރީގެ އެޕާޓްމަންޓް އަދި ޕެންޓް ހައުސް ހިމެނެއެވެ. ލަކީ ހިޔާއިން ބުނީ މި ފްލެޓްތަކުގެ އަގުތައް އުޅޭނީ 1 މިލިއަން ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައިކަމަށެވެ.

ފްލެޓްތައް ގަތުމަށްޓަކައި ބުކިން ފީގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ދައްކަންޖެހެއެވެ. ފްލެޓްތައް ބުކް ކުރުމަށްފަހު އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރެވޭއިރު، މި ފްލެޓްތައް ބޭންކް އަދި ލީސިން ކުންފުނިތައް މެދުވެރިކޮށް ގަނެވޭނޭކަމަށް ލަކީހިޔާއިން ބުނެއެވެ.