ވިޔަފާރި

ޓިކެޓް އަގުހެޔޮކުރުމުން އަގުހެޔޮ ފެއަރގެ ޖާގަ އިތުރުވާނެ- މޯލްޑިވިއަން


މޯލްޑިވިއަންއިން ޓިކެޓްގެ އަގުހެޔޮކުރުމާއިއެކު އަގުހެޔޮ ފެއާރގެ ޖާގަ އިތުރުވެ ގިނަ ފަރާތްތަކަށް ޓިކެޓް ލިބިގެންދާނެކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ޖެނުއަރީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުހެޔޮކުރުމާއެކު ގިނަ ފަރާތްތަކުން ދަތުރުފަތުރުކުރާނެކަމަށް ލަފާކުރާކަމަށެވެ. އެހެންކަމުން މިއަގުތަކާއެކު އެންމެ އަގުހެޔޮކޮށް ދޫކުރާ ޓިކެޓްގެ ޖާގަ ތިންގުނައަށް އިތުރުވެގެންދާނެކަމަށް މޫސަ ވިދާޅުވިއެވެ.

"މިހާރު އަގުހެޔޮ ފެއާރގައި ޓިކެޓް ލިބޭވަރު ތިންގުނައަށް އިތުރުވެގެންދާނެ ކުރިއަށްއޮތްތާނގައި.އެހެންވީމަ އަޅުގަނޑު މި ޔަޤީންކުރަނީ އޭގެ ތެރެއިން ދަތުރުކުރަން ބޭންނުންވާ ފަރާތްތަކަށް މީގެ ފުރުސަތު ބޮޑު ވެގެންދާނެޔޭ. ކުރީގައި ވެއްޖިއްޔާ 5000 މީހުން އެންމެ އަގުހެޔޮ ފެއާރގައި ދަތުރުކުރޭ. އެހެންކަމުން މި މިންވަރު 3 ގުނައަށް އިތުރުވެގެންދާނެ." މުސާ ވަސީމް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ޓިކެޓުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާއި ދޭތެރޭގައި ހެޔޮކޮށްފައިވާއިރު ކުރިން ފަސް ރޭންޖަކަށް ބަހާލައިގެން ވިއްކި ޓިކެޓްގެ އަގުތައް މިހާރު ވަނީ 3 ބަޔަކަށް ބަދަލުކޮށްފައެވެ. އެގޮތުން އެންމެ އަގުހެޔޮ ފެއާރއިން ވެސް ކޮންމެ މަހަކު ފަނަރަ ހާހަށްވުރެ ގިނަ ޖާގަ ލިބޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެކުންފުނިން މިހާރުވެސް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ފަސިންޖަރުންގެ ސަލާމަތީ ކަންކަމާއި ފަސިންޖަރުންނަށް ދޭންޖެހޭ އިތުރު ޚިދުމަތް ރަނގަޅުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މޫސާ ވަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަސްޓް ޕްރައޯރިޓީއަކީ އަބަދުވެސް ކަސްޓަމަރުން. ދިވެހިރާއްޖެއަށާއި ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވެސް ޚިދުމަތްދެމުން އަންނަ ބަޔަކަށް އަޅުގަނޑުމެން ވާތީ ފަސިންޖަރުންނަށް ފަސޭހަ ގޮތްތައް ހޯދުމަކީ އަޅުގަނޑުމެންގެ ފަސްތް ޕްރައޯރިޓީ. އަޅުގަނޑުމެންގެ ޓީމުން މިހާރު ދަނީ މަސައްކަތްކުރަމުން މިކަންކަން ހައްލުކުރުމަށް." މޫސާ ވަސީމް ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފައިވާއިރު އިއްޔެއިން ފެށިގެން ޓިކެޓް ވިއްކަމުންދަނީ އެ އަގުތަކަށެވެ.