ކުޅިވަރު

ޕޮޗެޓީނޯ ޔުނައިޓަޑްއަށް ބަދަލުވާން އުޅޭކަމުގެ އަޑު ފެތުރެނީ ސަބަބެއް ނެތިއެއް ނޫން - ސޮލްޝެއާ

ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލު ވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ސަބަބެއް ނެތި ދެކެވޭ ވާހަކައެއް ނޫންކަމަށް ޔުނައިޓެޑްގެ ވަގުތީ ކޯޗް ސޯލްޝަޔާ ބުނެފިއެވެ. ސޯލްޝަޔާ ބުނީ ސަބަބެއް ނެތި އެފަދަ ވާހަކައެއް ނުދެކެވޭނެ ކަމަށާއި އެވާހަކަތައް ދެކެވެނީ ޕޮޗެޓީނޯގެ މޮޅުކަމުން ކަމަށެއެވެ. އޭނާ ބުނީ ކޯޗުންގެ ފެންވަރަށް ފާޑުކިޔުމަކީ އޭނާ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެއެވެ. ނަމަވެސް ޕޮޗެޓީނޯއަކީ މޮޅު ކޯޗެއްކަން ގަބޫލުކުރާކަމަށްއެވެ. އަދި ޓޮޓްނަމްގައި ޕޮޗެޓީނޯ ކުރާ މަސައްކަތް ރަނގަޅުކަންވެސް ސޯލްޝަޔާ ފާހަގަކުރިއެވެ.
ޔުނައިޓެޑް ގެ ކޯޗްކަމުން ހޯސޭ މޮރީނިއޯ ވަކި ކުރުމާ ގުޅިގެން ވަގުތީ ގޮތުން ކޯޗްކަމަށް އައްޔަންކުރި ސޯލްޝަޔާ ވަނީ އޭނާ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ދެމިހުރުމަށް ޝައުގުވެރިކަން ހުރިކަން ފާޅުކޮށްފައެވެ. ދާއިމީ ކޯޗަކަށް ގެނައުން އެންމެ ގާތް ކަމަށް ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ދެކެފައިވަނީ ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯއެވެ.
ނަމަވެސް ދާދި ފަހުން ޕޮޗެޓީނޯ ވަނީ އޭނާ ޓޮޓްނަމް ދޫކޮށް ދާން އުޅޭ ވާހަކަތައް ދޮގު ކޮށްފައެވެ. ޕޮޗެޓީނޯ ބުނެފައިވަނީ އޭނާއަށް ވެގެން ވާނަމަ ކުރިއަށް އޮތް 20 އަހަރުވެސް އޭނާ ހުންނާނީ ޓޮޓްނަމްގެ ކޯޗްކަމުގެ މަގާމުގައި ކަމަށް ބުނެފައެވެ.