ފަހުވަގުތު ފަހަތުން އަރާ ޕީއެސްޖީ ކަޓުވާލުމަށްފަހު ގުއިންގޭމްޕް ފްރެންޗް ލީގް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. 
ފްރެންޗް ލީގް ކަޕްގައި ގުއިންގޭމްޕް އަތުން ޕީއެސްޖީ ބަލިވީ ދެ ލަނޑު އެއް ލަނޑުންމެވެ. ގުއިންގޭމްޕަކީ ފްރާންސް ލީގް ވަން ގެ ތާވަލުގެ އެންމެ ފުލުގައި އޮތް ޓީމެވެ. 
ޕީއެސްޖީއަކީ އެ ލީގްގެ ތާވަލުގެ އެއްވަނައެވެ. މެޗްގައި ލީޑް ނެގީވެސް ޕީއެސްޖީންނެވެ. މެޗްގެ 62 ވަނަ މިނެޓްގައި ޕީއެސްޖީއަށް ލީޑް ނަގައިދިނީ ނޭމާއެވެ. 
މެޗްގައި ގުއިންގޭމްޕުން ޖެހި ދެ ލަނޑަކީވެސް ލިބުނު ޕެނަލްޓީތަކުން ޖެހި ދެ ލަނޑެވެ. މެޗް ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ގުއިންގޭމްޕަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔެނީންބަކޯޓޯ އެވެ. އަދި މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ގުއިންގޭމްޕް މޮޅުކޮށްދިނީ މާކަސް ތަރއަމެވެ.  
މި މޮޅާއެކު ގުއިންގޭމްޕުން ވަނީ ޕީއެސްޖީއިން ފްރާންސްގައި ބަލި ނުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ.