ކުޅިވަރު

ޓީމް އޮތް ފޯމް ރަނގަޅު، ބަރުގަދަ ކުރަން ޖެހޭނީ އެޓޭކް - ޤައުމީ އަންހެން ޓީމްގެ ކޯޗް

ފާއިތުވި އަހަރުގެ ތަޖުރިބާއާއެކު ޓީމް އޮތީ ވަރަށް ފޯމުގައި ކަމަށް ގައުމީ އަންހެން ޓީމްގެ ކޯޗް މުހައްމަދު އާތިފް ބުނެފިއެވެ. މާޗް ބާރައިން ބާވީހަށް ނޭޕާލްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ އަންހެން ގައުމީ ޓީމްގެ ފަރިތަކުރުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކޯޗް ބުންޏެވެ، ފާއިތުވި އަހަރުގެ ޓްރެއިނިންގ ކޭމްޕްތަކާއި މުބާރާތްތަކުން ލިބުނު ތަޖުރިބާއާއެކު ޓީމް އޮތީ ރަނގަޅު ތައްޔާރުވެފައިކަމަށެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނޭޕާލާއި ޕާކިސްތާން އަދި ބޫޓާނާއި ބަނގްލަދޭޝެވެ
ރާއްޖެ އޮތީ އިންޑިޔާ އަދި ސްރީލަންކާއާ އެކު ގްރޫޕް ބީ ގައެވެ.
ކޯޗް ބުނީ އަމާޒަކީ ސެމީ ފައިނަލުން ޖާގަ ހޯދުންކަމަށް. އޭނާ ބުނީ ދެވަނަ ބުރަށް ދިޔުމަށް، ލަންކާ ކައިރިން ބަލި ނުވުމުގެ އިތުރުން އިންޑިޔާ އަތުން ބައިކޮޅަށް ވަންނަ ގޯލްތައް ލަންކާއަށްވުރެ މަދުކުރުން މުހިންމުކަމަށް. މިކަން ފާހަގަކުރަމުން ކޯޗް ބުނީ، ރާއްޖޭގެ ޓީމުގެ ދިފާއު ވަރުގަދަކަމަށެވެ. ބޮޑެތި ޓީމްތައް ހިފަހައްޓާލުމުގެ ހުނަރު ރާއްޖޭގެ ޓީމްގައި އެބަހުރިކަން ފާއިތުވި އަހަރު އިންޑޮނޭޝިޔާ ބަލިކުރި މެޗުންވެސް ފެނިގެން ދިޔަކަން ކޯޗް ފާހަގަކުރިއެވެ. ދެން މަސައްކަތް ކުރާނީ ހަމަލާ އުފެއްދުމުގެ ބައި ވަރުގަދަކުރަން ކަމަށްވެސް ކޯޗް ބުންޏެވެ.

"އަޅުގަނޑުމެންގެ ޓީމަކީ ޑިފެންޑިންގ ޓެކްޓިސް ވަރަށް ސްޓްރޯންގް ޓީމެއް. އިންޑޮނޭޝިޔާގަ ސިންގަޕޫރާ ކުޅުނު މެޗުގައިވެސް ވަރަށް ރަނގަޅަށް ޑިފެންސްކޮށް ޑްރޯ ވެގެން ޕެނަލްޓީ ޖަހައިގެން އަޅުގަނޑުމެން ތިންވަނަ ހޯދީ. ވަރުގަދަ ޓީމްތަކާއެކު ކުޅެންވެސް ކެޕޭސިޓީ އެބަހުރި، އެޓޭކިންގް އަދި އެހާ ވަރުގަދައެއް ނޫން. އަދި ވަގުތު ނަގާނެ ބޭނުންވާ ފެންވަރަށް ދާން" ކޯޗް ބުންޏެވެ.

ދިވެހިރާއްޖޭގެ ޓީމް ވަނީ އެންމެ ފަހުން 2016 ވަނަ އަހަރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ވާދަކޮށްފައި. އަދި ،މިފަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ޓީމް ވަނީ ވޭތުވެދިޔަ އަހަރު ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ، ޓްރެއިނިންގް ކޭމްޕްތައްވެސް ކުރިއަށް ގެންގޮސްފައެވެ.